ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ގދ. އަތޮޅުގައި ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މަޢުލޫމާތު ދިން ގޮތުގައި، ގދ. އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް އަތޮޅުގެ އެހެން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މިއާއެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށް ޑީއެންއާރުން ފާހަގަކޮށްފައިވެއެވެ.
މިއީ މާލެއިން ބޭރުން އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ޚިދުމަތްދޭ 14 ވަނަ ސަރަހައްދެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޑީއެންއާރުގެ 174 ކަލެކްޓިންގ ސެންޓަރު ޤާއިމުކޮށްފައިވާއިރު، ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީ ކާޑު ހެދުމުގެ މަސައްކަތް ފެށީ ކޮވިޑާއި ގުޅިގެން 2021 ގައެވެ. މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އަމިއްލައަށް ކާޑަށް އެދި ހުށަހެޅޭނެ އޮންލައިން ޕޯޓަލްއެއް ޤާއިމުކުރެވުނެވެ.
ސަރުކާރުގެ އަމާޒަކީ އައިޑީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢު މި އަހަރު ނިންމުމެވެ.