އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރުގެ ބަރން އެކްސްޕަރޓުންގެ ޓީމެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް އައިސް، ފަރުވާ ދޭން ފަށައިފިއެވެ.
އައިޖީއެމްއެޗުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ 31 އަހަރުގެ އަންހެނަކާއި ފިރިހެނެކެވެ. އަންހެން މީހާގެ ހަށިގަނޑުގެ 83 އިންސައްތަ އަދި ފިރިހެން މީހާގެ ހަށިގަނޑުގެ 78 އިންސައްތަ ވަނީ ފިހިފައެވެ. މި ދެ މީހުންނަށް މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.
ފިހިފައިވާ މިންވަރު ބޮޑުކަމުން، އެންމެ ފުރަތަމަ ދުވަހު ޑޮކްޓަރުން ވަނީ އެ މީހުން ރަނގަޅުވާނެ ކަމަށް އުއްމީދު ކަނޑާލާފައެވެ. އެހެންނަމަވެސް، ބޭރުގެ އެކްސްޕަރޓުންގެ އެހީއާއެކު އިތުރު ފަރުވާތަކެއް ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
އެނގިފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ރިޕޯޓު ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ އަކީ އަންހެން މީހާ އަމިއްލައަށް ގަޔަށް ޕެޓްރޯލް އެޅުމުން އޭނާ ސަލާމަތްކުރުމަށް ފިރިހެން މީހާ މަސައްކަތްކުރި ހާދިސާއެކެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަޙުޤީޤު ފަށާފައެވެ.