ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް މިއަދު ސިފައިން ފަށައިފިއެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަސައްކަތް ސިފައިންނާ ހަވާލުކޮށްފައިވަނީ މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ކުރިން މި މަސައްކަތް ހަވާލުކުރެވުނު ކުންފުނިން މަސައްކަތުގެ ދެބައިކުޅަ އެއްބައި ވެސް ނިންމާފައި ނުވުމުން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ވަނީ އުވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމުގެ މަސައްކަތް ރަނގަޅަށް އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައެވެ. އަދި ތެލަސީމިއާ ބަލިމީހުންނަށް އޮރެންޖް ހިޔާއަށް ދަތުރުކުރުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނޖ ވިދާޅުވެފައިވެއެވެ.
މިގޮތުން، އެމް.ޓީ.ސީ.ސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާއެކު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މި ބަދަލާއެކު ތެލެސީމިއާ ބަލިމީހުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ތެލަސީމިއާ ކުދިންގެ ފަރުވާއަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ.