ބަރަކާތްތެރި ފިޠުރު ޢީދުގެ އުފަލުގައި، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާޢީ ރޫޙު އާލާކުރުމުގެ މަޤްސަދުގައި ސަރުކާރުގެ ގިނަ މުއައްސަސާ ތަކަކާއި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގެޅިގެން ބޭއްވި "ޢީދު ހަވީރު 1446" މިއަދު އަދި މާދަމާވެސް ބާއްވަން ނިންމައިފިއެވެ.
އިއްޔެ ހަވީރު، ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަޙައްދު، އަދި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ހަވީރުގައި އެތައް ސަތޭކަ ކުދިންނެއް ބައިވެރިވެފައިވާއިރު، މި ހަރަކާތް ވެގެންގޮސްފައިވަނީ އެކުދިންގެ މޫނު މައްޗަށް ހިނިތުންވުން ގެނުވި އަދި ހިތްތަކަށް އުފާވެރިކަން ގެނުވި ބޮޑު ޢާއިލީ ހަރަކާތަކަށެވެ.
މި ހަރަކާތް އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމެނޭހެންނެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ އިހުގެ ސަޤާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށްވެސް ދައްކާލާފައިވެއެވެ. ހަމައެހެންމެ ކުންފުނިތަކުގެ ސްޓޯލްތަކުން ތަފާތު އެކި ކުޅިވަރު ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ހަރަކާތްތައް ވެގެންދިޔައީ ތުއްތުކުދިންގެ އިތުރުން އެ ސަރަޙައްދުތަކަށް ޖަމާވި އެކި އުމުރުފުރާގެ މީހުންގެވެސް ޝަޢުގުވެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ހަރަކާތްތަކަކަށެވެ.
ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސް ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.