މިފަހަރު ކުޑަ އީދަށް ރާއްޖޭގެ 64 ރަށެއް "އީދު އަލިން" ދިއްލާލައިފިއެވެ.
ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ އީދު އަލިން ރާއްޖޭގެ 64 ރަށެއް މިފަހަރު ދިއްލާލާފައިވާ ކަމަށެވެ.
އީދު އަލިން 64 ރަށެއް ދިއްލާ ދެއްވީ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ބޭރުގެ އެމްބަސީތަކުގެ ޑިޕޮލޮމެޓުންނާއި ޕަބްލިކް ވޯކްސް މިނިސްޓްރީގެ މުވައްޒަފުންނާއި އާންމުންގެ ގިނަ ބަޔަކު ބައިވެރިވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އީދު އަލިން ރާއްޖެ ދިއްލުމަކީ ރާއްޖޭގެ އެތައް ބަޔަކު އެދެމުންދާ ކަމަކަށް ވާތީ، މިދިޔަ އަހަރު ދިއްލި ރަށްތަކުގެ އިތުރުން، އިތުރު 36 ރަށަކާއެކު، ޖުމްލަ 64 ރަށެއް ދިއްލާފައިވާ ކަމަށެވެ.
އެ ރަށްތައް ދިއްލުމުގައި ސްޓެލްކޯގެ މުވައްޒަފުންނާއި ފެނަކަ އާއި ކައުންސިލްތައް އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުން ކޮށްދިން މަސައްކަތުގެ އަގުވަޒަންކޮށް އެ ހުރިހާ ފަރާތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.