ދެކުނުގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މިއަދުގެ މޫސުން ލަފާކޮށް، މެޓް އިން ނެރުނު މޫސުމީ ސަމާލުގައި ބުނީ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.
މެޓް އިން ބުނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެހެން ހިސާބުތަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި އެހެން ހިސާބުތަކަށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
އެންމެ ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އިން ބުންޏެވެ.
މީގެ އިތުރުން، ރާޅުގެ އުސްމިނުގައި 2 - 5 ފޫޓު ހުންނާނެ ކަމަށް މެޓް އިން ބުންޏެވެ.