އިސްލާމީ ޝަރީޢާއާ އެއްގޮތަށް ސްޓޫޑެންޓް ލޯނުތައް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ގިނަ ދީނީ އިލްމުވެރިންގެ ތަޢުރީފުކުރައްވަން ފަށައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ އުނިކުރުމާއި، ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނު އަދަދުތައް އަލުން ބަދަލުކުރުން ހިމެނެއެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވީ ރިބާ ހިމެނޭގޮތަށް ކުރިން ދޫކުރަމުން އައި ސްޓޫޑެންޓް ލޯނު، އިސްލާމީ ޝަރީޢާ ހުއްދަ ކުރާ ގޮތަށް ބަދަލު ކުރަން ނިންމެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި މިފަދަ ކަންކަމަކީ ދީނަށް ލޯބިކުރާ ކޮންމެ މީހަކު އުފާވާނެ ކަންކަން ކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ވެސް ވަނީ މިއީ އިސްލާމީ އުސޫލަށް ކަންކަން ބައްޓަންކުރެއްވުމުގައި ރައީސް އެޅުއްވި ވަރަށް ހެޔޮ ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.
ޝައިޚް ޝަފީޢު ޢަބްދުﷲ ވެސް ވަނީ މި ނިންމެވުމަށް ތަޢުރީފުކުރައްވައި، މިއީ ދިވެހި ދަރިވަރުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ޚަބަރެއް ކަމުގައި ވިދާޅުވެފައެވެ.
މިދިޔަ އަހަރު ސަރުކާރުން ދޫކުރި ސްޓޫޑެންޓް ލޯނު 1,015 ދަރިވަރަކަށް ލިބިފައިވާއިރު، މިއީ އަސްލު ދޫކުރަން ނިންމާފައިވާ 500 ލޯނަށްވުރެ އިތުރު އަދަދެކެވެ. ރައީސް މުޢިއްޒު ވަނީ ޝަރުޠު ހަމަވާ އެންމެނަށް ލޯނު ދޫކުރުމަށް ނިންމަވާފައެވެ.