ދެއްވަދޫ ފުޓްބޯޅައިގައި އަދިވެސް އެންމެ މޮޅީ ކުރީގެ ލެޖެންޑުން

އައިޝަތު އީމާން | 1 ދުވަސް ކުރިން - 07:22
ލެޖެންޑަރީ މެޗްގައި ބައްދަލުކުރި ދެއްވަދޫ ފުރަތަމަ ލެޖެންޑް ޓީމް ތައްޓާއެކު. އެޓީމުން އޭގެ ފަހުން އުފެދުނު ލެޖެންޑުން ބަލިކުރީ 1-0 ލަނޑުން. / ފޮޓޯ ދެއްވަދޫ ކައުންސިލް އިދާރާ.
ލެޖެންޑަރީ މެޗްގައި ބައްދަލުކުރި ދެއްވަދޫ ފުރަތަމަ ލެޖެންޑް ޓީމް ތައްޓާއެކު. އެޓީމުން އޭގެ ފަހުން އުފެދުނު ލެޖެންޑުން ބަލިކުރީ 1-0 ލަނޑުން. / ފޮޓޯ ދެއްވަދޫ ކައުންސިލް އިދާރާ.
ޚުލާސާ

ދެއްވަދޫގައި ރޭ ކުޅުނު ލެޖެންޑަރީ މެޗްގަ އެރަށު ފުރަތަމަ ލެޖެންޑް ޓީމުން ވަނީ އަތޮޅު މުބާރަތުގައި ޗެމްޕިއަންކަން ހޯދި ލެޖެންޑުން 1-0 އިން ބަލިކޮށްފަ.

ފިޠުރު ޢީދުގެ މުނާސަބަތުގައި ދެއްވަދޫގައި ރޭ ކުޅުނު ހާއްސަ ލެޖެންޑަރީ ފުޓްބޯޅަ މެޗު، އެރަށުގެ އެންމެ ކުރީގެ ލެޖެންޑުން މޮޅުވެ އަދިވެސް އެންމެ މޮޅީ އެ ކުޅުންތެރިންކަން ސާބިތުކޮށްދީފިއެވެ.

އެރަށު ކައުންސިލް އިދާރާއިން އިންތިޒާމްކުރި މި މެޗު، ދެއްވަދޫގައި އެންމެ ފުރަތަމަ އުފެދުނު ލެޖެންޑް ޓީމު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.

ރޭ ކުޅުނު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ އެންމެ ކުރީގެ ލެޖެންޑަރީ ގޯލްކީޕަރ ޢަބްދުﷲ ޒުހައިރުއަށް އޭގެފަހުން އުފެދުނު ލެޖެންޑް ޖިހާދު (ވ) ޓްރޮފީ ޙަވާލުކުރަނީ. / ފޮޓޯ: ދެއްވަދޫ ކައުންސިލް އިދާރާ.

ދެއްވަދޫގެ ފުޓްބޯޅައިގެ ތާރީޚަށް ބަލާއިރު، އެރަށުގައި އެންމެ ކުރިންވެސް ފުޓްބޯޅައަށް ހާއްސަ ޝައުޤުވެރިކަން ހުރި ކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް، އެ ދުވަސްވަރު އެރަށުގައި ފުޓްބޯޅަ ކުޅޭނެ ދަނޑެއް ނެތުމުން، ބަނދަރާއި ދިމާލުން އޮންނަ ރުއްގަނޑުގައި ތިބި ރުއްތައް ކަނޑާލައިގެން އޭރުގެ ޒުވާނުން ވަނީ ފުޓްބޯޅަ ދަނޑެއް ހަދާފައެވެ. ރޭ މޮޅުވި ޓީމުގައި ތިބީ ދެއްވަދޫގައި އަލަށް ފުޓުބޯޅަ ދަނޑެއް ހެދުމަށްޓަކައި ގުރުބާންވި ކުޅުންތެރިންނެވެ. އެނގިފައިވާ ގޮތުގައި ހުއްދަ ނެތި އެކަން ކުރުމުގެ ސަބަބުން އޭގެތެރެއިން ބައެއް މީހުންނަށް އޭރު އަދަބު ވެސް ލިބުނެވެ.

ލެޖެންޑަރީ މެޗް ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ޢިއްޒަތްތެރިން ފޮޓޯއަކަށް ހުއްޓިގެން. / ފޮޓޯ: ދެއްވަދޫ ކައުންސިލް އިދާރާ.

މެޗަށްފަހު ބޭއްވުނު ރަސްމިއްޔާތެއްގައި، ދެއްވަދޫގެ ފުރަތަމަ ލެޖެންޑް ޓީމަށާއި އަތޮޅު މުބާރާތުގައި ޗެމްޕިއަންކަން ހޯދި ލެޖެންޑް ޓީމަށް ޝަރަފުގެ ޓްރޮފީ ދެވުނެވެ.

ލެޖެންޑަރީ މެޗްގައި ބައްދަލުކުރި ދެއްވަދޫ ފުރަތަމަ ލެޖެންޑް ޓީމް އަދި އަތޮޅު މުބާރަތުގައި ޗެމްޕިއަންކަން ހޯދި ލެޖެންޑް ޓީމަށް ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަސަދުﷲ ޝަރަފްގެ ޓްރޮފީ ހަވާލުކުރައްވަނީ / ފޮޓޯ: ދެއްވަދޫ ކައުންސިލް އިދާރާ.

ރޭ ކުޅުނު މެޗު ޝަރަފުވެރިކޮށްދެއްވީ ދެއްވަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، މުޙައްމަދު ދީދީއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%