މިއަދު ސެންޓްރަލް މިޔަންމާއަށް އައި ބޮޑު ބިންހެލުމުގެ އަސަރު ތައިލެންޑަށް ކޮށްފައިވާތީ، އުރީދޫ ކަސްޓަމަރުންނަށް އެ ގައުމަށް މިރޭ 12:00 ޖަހަންދެން ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އުރީދޫއިން ބުނެފައިވަނީ މިރޭ މެންދަމު 12:00 ޖަހަންދެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ތައިލެންޑުގައި ތިބި އާއިލާއާއި ރައްޓެހިންގެ ހާލު ބަލަން ފަސޭހަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"މިއަދު ތައިލޭންޑަށް އައި ބިންހެލުމާ ގުޅިގެން އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް ގުޅުން މިރޭ މެންދަމު 12 ޖެހުމާ ހަމައަށް އެއްވެސް އަގެއް ނުނެގުމަށް ވަނީ ހަމަޖެހިފައި. މިވަގުތުގައި އާއިލާއާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެން ދާނެކަމަށް އުއްމީދުކުރަން،" އުރީދޫއިން ބުންޏެވެ.
މިއަދު ހެނދުނު ސެންޓްރަލް މިޔަންމާއަށް އައި ބިންހެލުން އައީ ރިކްޓަރ މިންގަނޑުން 7.7 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިންހެލުން އައީ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައީ މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ 17 ކިލޯމީޓަރު ބޭރަށެވެ.
ބިންހެލުމާ ގުޅިގެން ތައިލެންޑުގެ އިތުރުން މިޔަންމާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ. އަދި މިޔަންމާގެ ބޯޑަރުގައި އޮންނަ ޗައިނާގެ ޔުނާން ޕްރޮވިންސަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޓީވީތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ބިންހެލުމުގެ އަސަރު ގިނަ އަދަދެއްގެ ދިވެހިން އުޅޭ ތައިލެންޑަށް ވެސް ކޮށްފައިވާތީ، އުރީދޫއިން މި ޚާއްޞަ އިންތިޒާމު ހަމަޖައްސާފައިވަނީ އެ ގައުމުގައި ތިބި ދިވެހިންގެ ޢާއިލާތަކަށް ފަސޭހަވާނެ ގޮތަށެވެ.