މާޗު 21 ގައި އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަޤާމުން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފައިސާއާއި ގުޅޭ މައްސަލައެއްގައި ހައްޔަރުކުރެވުނު ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައިވާ 15 ދުވަހުގެ މުއްދަތު ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުން ނިންމައިފިއެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ މަޤާމާ މިވަގުތު ޙަވާލުވެ ހުންނެވި އެ ކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރާ ޙުސައިން މުޙައްމަދު ޙަނީފް ވަނީ ޤާނޫނީ ހަމަތަކުގެ މަތިން ކްރިމިނަލް ކޯޓުން ޖަހާފައިވާ މުއްދަތާއި ގުޅިގެން އެ މައްސަލައިގައި ގޯސްކޮށް ކަމެއް ހިނގާފައިވާކަމަށް ނުފެންނާތީ މައްސަލަ ބަލައިނުގަނެވޭނެކަން އަންގާފައެވެ.
ޝަމްއާންގެ ފަރާތުން ވަނީ މުޅި މައްސަލައިގެ ތަޙުޤީޤު ޤާނޫނާ ޚިލާފުވާނެ ކަމަށާއި، އެ ތަޙުޤީޤާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ބާޠިލުވާނެ ކަމަށް އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައެވެ. ނަމަވެސް، އެ ކަން ސާބިތު ކުރުމަށް ޤާނޫނީ އަސާސެއް ހުށަހަޅާފައި ނުވާ ކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
ޝަމްއާން އަދި އިމިގްރޭޝަންގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530,000 ރުފިޔާ ނެގި މައްސަލައެވެ. ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާ ނަގާފައިވަނީ އިމިގްރޭޝަންގެ މުވައްޒަފުންނެވެ. އަދި އެ ފައިސާ ހިފައިގެން އެ މުވައްޒަފުން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.