ބީއެމްއެލް އިން ގެސްޓްހައުސް ފައިނޭންސިންގ ހއ. އަތޮޅަށް ތަޢާރަފްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 7 ދުވަސް ކުރިން - 18:06
ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ޚުލާސާ

މި ސްކީމްގެ ދަށުން ގެސްޓުހައުސް ވިޔަފާރި އަލަށް ފަށަން ބޭނުންވާ ފަރާތްތަކާއި މިހާރު ގެސްޓުހައުސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށްވެސް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތިލަދުންމަތީ އުތުރުބުރި (ހއ.) އަތޮޅަށް ގެސްޓު ހައުސް ފައިނޭންސިންގ ސްކީމެއް ތަޢާރަފްކޮށްފިއެވެ. މި ސްކީމް ތަޢާރަފްކޮށްފައިވަނީ ހއ. ފިއްލަދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި އައު ފައިނޭންސިންގ ސްކީމަކީ ހއ. އަތޮޅަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ސްކީމެކެވެ. މި ސްކީމްގެ ދަށުން ގެސްޓުހައުސް ވިޔަފާރި އަލަށް ފަށަން ބޭނުންވާ ފަރާތްތަކާއި މިހާރު ގެސްޓުހައުސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށްވެސް ފައިނޭންސިންގއަށް އެދި ހުށަހެޅޭނެއެވެ.

ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ލޯނު ސްކީމްގައި އެއްވެސް އިތުރު ސެކިއުރިޓީއެއް ބޭނުމެއް ނުވާނެއެވެ. "މާނައަކީ ގެސްޓުހައުސް އަޅަން އިތުރު ސެކިއުރިޓީއެއް ބޭނުމެއް ނުވާނެ، ގެސްޓުހައުސް މޯގޭޖްކޮށްގެން އެ ފައިސާ ލިބޭނެ،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ އިތުރަށް ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެ ބޭންކުން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މީގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށްޓާ ގުޅުންހުރި މަޝްރޫޢުތަކަށް ފައިނޭންސް ދޫކުރުން ހިމެނެއެވެ. "5 އަހަރު ތެރޭ 400 މިލިޔަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ފައިނޭންސް ކޮށްދެވިފައިވާނެ، ރިސޯޓު ތަރައްޤީއަށް، މިކަމުންވެސް ދައްކައިދެނީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭންކުންދޭ އަހައްމިއްޔަތުކަން،" ޝަރީފް ވިދާޅުވިއެވެ.

މި އައު ފައިނޭންސިންގ ސްކީމާއި ގުޅޭ މަޢުލޫމާތު ހއ. އަތޮޅުގެ ރައްޔިތުންނާއި ހިއްސާކުރުމަށްޓަކައި ބޭންކުގެ ޓީމުތަކުން އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%