ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދުން ފެށިގެން ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑްތަކުން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަމުންދަނީ 13 ރުފިޔާ 50 ލާރިއަށެވެ.
ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13 ރުފިޔާ 98 ލާރިއަށެވެ. އެހެންކަމުން މިއީ ލީޓަރަކަށް 48 ލާރި ހެޔޮވެފައިވާ އަގެކެވެ.
އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކުރި ނަމަވެސް ޑީސަލްގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޑީސަލް ލީޓަރެއް މިހާރުވެސް ވިއްކަމުންދަނީ 13 ރުފިޔާ 92 ލާރިއަށެވެ.
ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ ކުންފުންޏަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ އެސްޓީއޯއެވެ. މި ކުންފުނިން ތެލުގެ އަގަށް ގެންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެހެން ތެޔޮ ވިއްކާ ފަރާތްތަކުގެ އަގުތަކަށްވެސް އަސަރުކުރެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން އެސްޓީއޯއިން ވަނީ ފާއިތުވި އަހަރުތަކުގައި ތެލުގެ އަގަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެންމެ ފަހުން ތެލުގެ އަގު އެންމެ ދަށް އަގެއްގައި ހުރީ 2020 ވަނަ އަހަރުގެ މާރިޗު މަހުއެވެ.