ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މިއަހަރުގެ "ރައިސީނާ ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާޙުކުރައްވާ ރައިސިނާ ޑަޔަލޮގްގެ 10 ވަނަ އެޑިޝަންގައި ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގަންނަވާއިރު، މި ޑަޔަލޮގްގެ ތެރެއިން "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިޒް ގެސްޕިންގް" ގެ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ޕެނަލްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި، އެ ދަތިތަކުން އަރައިގަތުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ މާލީ އެހީތެރިކަން ހަރުދަނާކުރުމުގެ މައްޗަށް ވަޒީރު އަލިއަޅުވާލައްވާނެ ކަމަށް ވެސް ވުޒާރާއިން ހާމަކުރެއްވިއެވެ.
މި އަހަރުގެ ރައިސިނާގެ ޝަރަފުވެރި މެހެމާނަކީ ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަންއެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޖަންކަރާއި ބައްދަލުކުރައްވާނެއެވެ. އަދި ރައިސީނާ ޑައިލޮގްއަށް ވަޑައިގަންނަވާ އެހެނިހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިސްވެރިންނާއި ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ރައިސީނާ ޑައިލޮގް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. ރައިސީނާ ޑަޔަލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ.