މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި، ފާހަގަކުރައްވައިފިއެވެ.
ރައީސްގެ މެސެޖުގައި ވަނީ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ހަމަނުޖެހުމާއި ނާއިންސާފުގެ ހާލަތުގައި، ސަލާމަތްކަމާއި ކުރިއެރުން ހޯދުމަށްޓަކައި، މުޅި ކޮމަންވެލްތުން ބައިވެރިވެގެން ހިންގާ ހަރަކާތްތަކުގެ މުހިންމުކަން ދެނެގަނެ، އެއްބައެއްގެ ގޮތުގައި ދެމިތިބުމަށް ގޮވާލައްވާކަމަށެވެ.
"މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރު 'ވަނީ ޓުގެދަރ ވީ ތްރައިވް' އަކީ ދިވެހި ދައުލަތުން އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި ކުރިއެރުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ޝިޢާރެކެވެ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި، ދިވެހިރާއްޖެ ފަދަ ކުދި ދައުލަތްތަކުގެ ޙައްޤުގައި އަޑުއުފުލައި، މޫސުމީ ވިލުންތެރިކަމާއި، މާލީ ވަޞީލަތްތަކަށް ފުރުޞަތު ފަހިކުރުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުން ފަދަ ކަންކަމުގައި ކޮމަންވެލްތުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށްވެސް ފާހަގަކުރައްވާފައި ވެއެވެ.
އަދި ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ އިންސާނީ ޙައްޤުތަކާއި، ހެޔޮ ވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މަގުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ވެސް ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.
މިދިޔަ އަހަރު ސަމޯއާގައި ބޭއްވުނު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ކޮމަންވެލްތުން އެއްބައިވަންތަކަމާއި އެއްބާރުލުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދިން ބައްދަލުވުމެއް ކަމަށް ރައީސް ފާހަގަކުރައްވައި، އެ ބައްދަލުވުމުގެ ނަތީޖާ ޢަމަލީގޮތުން ދެއްކުމަށް، އެކުގައި މަސައްކަތްކުރުން ލާޒިމު ކަމުގައި ވެސް ވިދާޅުވިއެވެ.
ކޮމަންވެލްތު ދުވަހަކީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ދެވަނަ ހޯމަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަން އާލާކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
ދިވެހިރާއްޖެއަކީ 1982 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތުގެ މެންބަރެކެވެ. ކޮމަންވެލްތުގެ މެންބަރުކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ތަފާތު އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދެއެވެ.