ސުޕްރީމްކޯޓަށް ޝަހީދު އައްޔަން ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ހުސައިން އިސްމާއިލް | 3 ގަޑިއިރު ކުރިން - 10:55
ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު.
ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު.
ޚުލާސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި.

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުގެ މަޤާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވި މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހުސައިން ޝަހީދު އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޝްވަރާ ދެއްވާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިވަނީ ފަނޑިޔާރު ޙުސްނުއްސުޢޫދު އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. މި މަޤާމަށް މީހަކު ހޯދުމަށް ޖޭއެސްސީން ދެވަނަ ފަހަރަށް އިޢުލާންކުރަން ޖެހުނީ ފުރަތަމަ އިޢުލާނަށް ކުރިމަތިލެއްވީ އެންމެ ފަރާތަކުން ކަމަށްވާތީއެވެ. އެއި ނިހާޔަތުއެވެ.

ދެވަނަ އިޢުލާނަށް ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދުގެ އިތުރުން ޤާނޫނީ ވަކީލު ރުޝްދުﷲ އިބްރާހީމްވެސް ކުރިމަތިލެއްވިއެވެ. ޖޭއެސްސީން މި ފަރާތްތަކާއި އިންޓަވިއުކުރުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރުމަށް ފެންނަ ކަމަށް ރައީސަށް ލަފާ އެރުވުމަށް ނިންމެވިއެވެ.


ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ޙާޞިލުކުރައްވާފައިވެއެވެ.

ޝަހީދު ކުރިން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުކަމާއި ސްޓޭޓް އެޓަރނީގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%