ރަމަޟާން މަހުގެ ފަހު 15 ދުވަހުގެ ޢުމްރާވެރިން މާދަމާ މަދީނާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފިއެވެ. މި ދަތުރުގައި ޢުމްރާވެރިން މަދީނާގައި ދެ ރޭ ހޭދަކުރުމަށްފަހު އެނބުރި މައްކާއަށް އައިސް، އެމީހުންގެ ދެވަނަ ޢުމްރާ ކުރާނެއެވެ.
ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވި ގޮތުގައި މި ދަތުރުގައި މަދީނާގެ ތާރީޚީ އަދި އާސާރީ ތަންތަނަށް ޒިޔާރަތްކުރާނެއެވެ. މީގެ ތެރޭގައި ޤުބާ މިސްކިތް، އުހުދު އަދި ހަންދަގު ހަނގުރާމައިގެ މައިދާން ހިމެނެއެވެ. އަދި ރައުޛާއަށް ވަދެވޭތޯ ވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢުމްރާވެރިން މަދީނާއަށް ދަތުރުކުރާނީ ރޭލުގައެވެ. މިއީ 2 ގަޑިއިރުގެ ދަތުރެކެވެ. ކުރިން މި ދަތުރަކީ ބަހުގައި ކުރާ 5 ގަޑިއިރުގެ ދަތުރެކެވެ. ރޭލުގައި ދަތުރުކުރުމުން ދަތުރުގެ ތަކުލީފު ކުޑަވެ، ދަތުރު އަވަސްވާނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.
މަދީނާގައި ދެ ރޭ ހޭދަކުރުމަށްފަހު، ޢުމްރާވެރިން އެނބުރި މައްކާއަށް އަންނާނީ 20 ވަނަ ދުވަހު ރޭގަނޑުއެވެ. އެ ރޭ، ފަހު 15ގެ ޢުމްރާވެރިން ދެވަނަ ޢުމްރާ ކުރާނެއެވެ.
ޢުމްރާވެރިން މަދީނާއަށް ދަތުރުކުރުމުގެ ކުރިން، ދީނީ މަޢުލޫމާތު ދިނުމާއި އިދާރީ މަޢުލޫމާތު އަދި ސިއްޙީ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ބާއްވާފައި ކަމަށާއި، ފަހު 15ގެ ޢުމްރާގެ އަޅުކަމަށް 350އަށްވުރެ ގިނަ މީހުން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައިސްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.