"ބިންވެރިޔާ" ސްކީމާއި ގުޅޭގޮތުން ކުރި ޚާއްޞަ އޮޑިޓަކުން އިތުރު މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި މި މައްސަލަތައް އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާކަން ވެސް އެޗްޑީސީގެ ސަމާލުކަމަށް އައިސްފައިވެއެވެ.
މީގެ ކުރިން، މި ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދީފައިވާ ކަމަށް ބުނެ ވެސް މައްސަލަ އުފެދިފައިވެއެވެ. މި ގޮތުން އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަދު ފަޒީލް ރަޝީދަށް ގޯއްޗެއް ލިބިފައިވާ ކަމަށް ބުނެ ލިޔެކިޔުންތަކެއް އާންމުވެފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ އޯގަސްޓު މަހު ނެރުނު "ބިންވެރިޔާ" ސްކީމްގެ ލިސްޓުގައި ފަޒީލް ހިމެނިފައިވަނީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ.
އެޗްޑީސީން ބުނީ މިހާރު ފާހަގަވެފައިވާ ކަންތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން ބަލައި، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެއެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނަޒާހަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ވެސް ބުންޏެވެ.