ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ބާއްވަމުންދާ މުޒާހަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާއި ބެހޭގޮތުން ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާތީއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ވަޙީދު ވިދާޅުވެފައިވަނީ ސިޔާސީ ޚިޔާލު ތަފާތުވުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ މީހުންގެ އާއިލާތަކަށް ހަމަލާދިނުމަކީ ރާއްޖޭގައިވެސް އާންމުވެފައިވާ ކަމެއްކަމަށާއި، މިއީ މިކަން ހުއްޓާލަންވީ ވަގުތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޑރ. ވަޙީދުގެ އިތުރުން ވަޒީރުންނާއި، އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އާންމުން ވެސް ގެންދަނީ ސިޔާސީ ވާދަވެރިކަމުގައި ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުން ކުށްވެރިކޮށް ޝުޢޫރު ފާޅުކުރަމުންނެވެ. މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި 3 ފަރާތަކަށް ދަޢުވާކުރުމަށް އާއިލާއިން ވަނީ ނިންމަވާފައެވެ. އެއީ އެމްޑީޕީއާއި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢިލްގެ އިތުރުން ރައީސްގެ ދަރިކަލުންނާއި ގުޅުވައި އެމްޑީޕީގެ މުޒާހަރާތެރޭގައި ޙަޤީޤަތާޢި ޚިލާފު ވާހަކަތައް ދެއްކި (މަންދީ) އާއި ދެކޮޅަށެވެ.