ވައިގެމަގުން ތައިލެންޑުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއެއްގެ ކެނަބިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގަައި ބުނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
އެ ތަކެތި އަތުލައިގަނެފައި ވަނީ ރޭ ދަންވަރު ތައިލެންޑުން ރާއްޖެ އައި ޖެނެރަލް ގުޑް ޝިޕްމަންޓެއްގައި މަސްތުވާތަކެތި ހުރި
ކަމަށް ޝައްކުކުރެވިގެން ބަލައިފާސްކުރުމުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތި 20 ޕެކެޓެއްގައި ފޮރުވާފައި ހުރި ކަމަށެެވެ.
ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލުކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ ތަކެތީގެ ބަރުދަނުގައި 1097 ގްރާމް ނުވަތަ ކިލޯއެއް ހުރި އިރު، އެ ތަކެތީގެ މަގުމަތީ އަގު 877،600ރ. އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ މި މައްސަލަ ތަހުގީގުކުރުަމަށް، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
އެތަކެތި އެތެރެކުރި ފަރާތުގެ ވަނަވަރެއް ކަސްޓަމުން ހާމައެއް ނުކުރެއެވެ.