އެފްއޭއެމްގެ ފާއިތުވި ދެ އަހަރުގެ މުއާމަލާތްތައް އޮޑިޓް ކުރަން ޕްރޫޑަންޓް ޗާޓާޑް އެލްއެލްޕީއާ ހަވާލުކޮށްފި

އާނާ ފަހީމް | 3 ގަޑިއިރު ކުރިން - 15:30
އެފްއޭއެމްގެ ކުރީގެ ރައީށް ބައްސާމް
އެފްއޭއެމްގެ ކުރީގެ ރައީށް ބައްސާމް
ޚުލާސާ

އެފްއޭއެމް ހަމަމަގަށް އެޅުވުމަށް ފާއިތުވި ދެ އަހަރު އެފްއޭއެމްގެ މުދަލާ ފައިސާ ބޭނުންކޮށްފައިވާ ގޮތުގެ ފުރިހަމަ އޮޑިޓެއް ކުރުމަށް ޕްރޫޑަންޓް އޮޑިޓް ފާމާއި ހަވާލުކޮށްފި.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފާއިތުވި ދެ އަހަރުގެ މުއާމަލާތްތައް އޮޑިޓް ކުރުމަށް ޕްރޫޑަންޓް ޗާޓާޑް އެލްއެލްޕީއާއި ހަވާލުކުރުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމީ ރޭ ބޭއްވުނު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ.

މައްސަލަތައް ފުނިޖެހި ބޮއްސުންލާފައި އޮތް އެފްއޭއެމް ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތުގެ ދަށުން، ފާއިތުވި ދެ އަހަރު އެފްއޭއެމްގެ މުދަލާއި ފައިސާ ބޭނުންކޮށްފައިވާ ގޮތުގެ ފުރިހަމަ އޮޑިޓެއް ކުރުމަށް ޕްރޫޑަންޓް އޮޑިޓް ފާމް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އިތުރު ބަޔަކު ގުޅިގެން ހިންގިކަމަށް ތުހުމަތު ކުރާ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާއި ގުޅިގެން ޕޮރިސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބައްސާމާއި އިތުރު ބައެއްގެ މައްޗަށް ދައުވާތަކެއް އުފުލާފައެވެ. ނަމަވެސް އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވެ މަނީލޯންޑަރ ކުރިކަމަށް ބުނާ ހުރިހާ ދައުވާއަކަށް ބައްސާމް ވަނީ އިންކާރުކޮށްފައެވެ.

މިހާރު އެފްއޭއެމް ހިންގަމުންދަނީ ފީފާއިން ކަނޑައަޅާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. މި ކޮމިޓީގެ ޗެއާމަނަކީ މަޝްހޫރު ގާނޫނީ ވަކީލު އަޙްމަދު މުއިއްޒެވެ. އަދި ދެން ތިއްބަވާ ދެ މެންބަރުންނަކީ ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރިފާއި، ގާނޫނީ ވަކީލު އިސްމާޢީލް ސައިމަންއެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އޮޑިޓް ފާމެއް ހަމަޖެއްސުމުގެ އިތުރުން ޑިސިޕްލިނަރީ ކޮމިޓީ އާއި، އެތިކްސް ކޮމިޓީ އަދި އެޕީލް ކޮމިޓީވެސް ވަނީ ފާސްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%