މާލެ ސިޓީ ކައުންސިލުގެ އައު ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ޢަރީޝް އައްޔަނުކޮށްފިއެވެ. މި މަޤާމަށް ޢަރީޝް ހޮވިފައިވަނީ މާލެ ސިޓީ ކައުންސިލުން ބޭއްވި އިންތިޚާބެއްގައި، ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ.
ޑެޕިއުޓީ މޭޔަރުކަމުގެ މަޤާމަށް ޢަރީޝްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، މި މަޤާމަށް ޢަރީޝް އައްޔަނުކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
ކުރިން މި މަޤާމު ފުރުއްވި އަޙްމަދު ނަރީޝް ވަނީ އައު ޑެޕިއުޓީ މޭޔަރަށް މަރުޙަބާ ކިޔައި، ޢަރީޝްއަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. ނަރީޝް ވަނީ ޢަރީޝްއަށް މާލެ ސިޓީގެ ރައްޔިތުންނަށް ހެޔޮވާފަދަ މަސައްކަތްތަކެއް ކުރެއްވުމަށާއި، ކުރިއަށް އޮތް ކައުންސިލު އިންތިޚާބުގައި ޕީއެންސީއަށް ކާމިޔާބު ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.
ނަރީޝް މި މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ޤައުމާއި ރައްޔިތުންނަށް އެހެން ގޮތަކުން ޚިދުމަތް ކުރުމަށް ފުރުޞަތު ލިބިފައި ވާތީއެވެ.