އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ "ވިޔަފާރި އެހީ" ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެސްޑީއެފްސީ އިން ބުނީ "ވިޔަފާރި އެހީ" ލޯނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ތައާރަފުކޮށްފައިވާ ލޯނެއް ކަމަށެވެ.
މި ލޯނަކީ ދުވަހުން ދުވަހަށް ދިމާވާ ފައިސާގެ ދަތިތަކުން އަރައިގަތުމަށް އޮތް ހައްލެއް ކަމަށް އެސްޑީއެފްސީން ބުންޏެވެ.
އެސްޑީއެފްސީން ބުނީ މިދިޔަ އަހަރެއްހާ ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުން އަންނަ ކޮންމެ ފަރާތަކަށް ވެސް މި ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ.
މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ހަރަދުތައް ކުރުމަށް މި ލޯނު ބޭނުންކުރެވިދާނެ ކަމަށާއި "ވިޔަފާރި އެހީ" ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާ ކަމަށް އެސްޑީއެފްސީން ބުންޏެވެ.
ވިޔަފާރި އެހީއަށް ލޯނުގެ އަދަދު 700،000ރ. އަށް ވުރެ މަތިވާ ނަމަ، ރަހުނެއް ދައްކަން ޖެހެ އެވެ. އަދި އިންޓްރެސްޓް ރޭޓުގެ ގޮތުގައި އަހަރަކު %9.5 އިތުރުވާނެ އެވެ.
ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން ހަ މަސްދުވަސް ދޭނެ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން ފަސް އަހަރު ދޭނެ އެވެ.
އެސްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.