ދެ ރަށެއްގެ ފުޓްބޯޅަ ދަނޑު ނިންމުމާއި ކުރެންދޫ ދަނޑުގެ ލައިޓް ހަރުކުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ބ. ކަމަދޫ އާއި ދ. މާއެނބޫދޫގެ ފުޓްބޯޅަ ދަނޑު ޤާއިމްކުރުމާއި، ޅ. ކުރެންދޫ ދަނޑުގެ ލައިޓް ހަރުކުރުމުގެ އިތުރުން ހަތަރު ރަށަކަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން އާއި ވަނީ ޙަވާލުކޮށްފައެވެ.
މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް މުޙައްމަދު ނަޖާހުއެވެ.
ކުޅިވަރު ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމްޓަމް 90 ދުވަހުގެ ތެރޭގައި ޤާއިމްކޮށް ނިންމަން ޖެހޭނެއެވެ. މި މަސައްކަތަށް 1.6 މިލިއަން ރުފިޔާ ހޭދަވާނެއެވެ. ބ. ކަމަދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 4.7 މިލިއަން ރުފިޔާ ހޭދަވާނެ އިރު، މި މަސައްކަތް ނިންމަން ޖެހެނީ 60 ދުވަހުގެ ތެރޭގައެވެ.
ދ. މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމަން ޖެހެނީ 120 ދުވަހުންނެވެ. 6 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ދަނޑުގެ ޓާފް އިންޓޯލްކުރުމާއި، ފަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތެވެ.
މީގެ އިތުރުން، ބ. ކެންދޫ، ބ. ދަރަވަންދޫ، ބ. ތުޅާދ. ތުޅާދޫ އަދި ރ. މީދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ހޯދުމަށްވެސް ފެނަކަ ކޯޕަރޭޝަންއާ ވަނީ ހަވާލުކުރެވިފައެވެ.