ކުޑަގިރީގައި ތާރީޚީ މަތިންދާބޯޓުތަކާއެކު އައު ޑައިވް ސައިޓެއް ހުޅުވައިފި

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 01:41
ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގައި ފުރަތަމަ ބޭނުންކުރި ޑޯނިއާ މަތިންދާބޯޓުތައް ކުޑަގިރި ފަޅުތެރެއަށް ފައްތައި، "ކުޑަގިރި ދޫނިއާ ރެކް" ޑައިވް ސައިޓް ހުޅުވާލުން/ ފޮޓޯ: އެޗްޑީސީ
ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގައި ފުރަތަމަ ބޭނުންކުރި ޑޯނިއާ މަތިންދާބޯޓުތައް ކުޑަގިރި ފަޅުތެރެއަށް ފައްތައި، "ކުޑަގިރި ދޫނިއާ ރެކް" ޑައިވް ސައިޓް ހުޅުވާލުން/ ފޮޓޯ: އެޗްޑީސީ
ޚުލާސާ

ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގައި ފުރަތަމަ ބޭނުންކުރި ޑޯނިއާ މަތިންދާބޯޓުތައް ކުޑަގިރި ފަޅުތެރެއަށް ފައްތައި، "ކުޑަގިރި ދޫނިއާ ރެކް" ޑައިވް ސައިޓް ހުޅުވާލައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުޑަގިރި ފަޅުތެރޭގައި "ކުޑަގިރި ދޫނިއާ ރެކް" ގެ ނަމުގައި އައު ޑައިވް ސައިޓެއް ހުޅުވާލައިފިއެވެ.

މި ޑައިވް ސައިޓަކީ އެމްއެމްޕީއާރްސީ، އެޗްޑީސީ އަދި އެމްޓީސީސީ ގުޅިގެން ތަރައްޤީކޮށްފައިވާ ސައިޓެކެވެ. މި ސައިޓުގައި، ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ ފެށުމުގައި އޭރުގެ އެއަރ މޯލްޑިވްސްއިން ބޭނުންކުރި ޑޯނިއާ 228 މަރުކާގެ ދެ މަތިންދާބޯޓު ފަޅުތެރެއަށް ފައްތާފައިވެއެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސައިޓަށް "ދޫނިއާ ރެކް" މި ނަން ދީފައިވަނީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ ފެށުމާއި ގުޅުވައި، އުދުހުން ދޭހަކޮށްދިނުމަށްޓަކައި ދޫންޏަށް ނިސްބަތްކޮށެވެ. އަދި މި ސައިޓު އިތުރަށް ތަރައްޤީކުރުމުގެ ގޮތުން މުރަކަ އިންދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ސައިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް އަދި އުރީދޫ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%