ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރުމަށް ދޭ މުއްދަތު ތިން ދުވަހަށް ކުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހު އެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާހުގެ ދަށުން، ކުރިން ބަންދު ދުވަސްތައް ނުހިމަނައި ފަސް ދުވަހުގެ މުއްދަތު ދެވެމުން އައި ގޮތް ބަދަލުކޮށް، ބަންދު ދުވަސްތައް ހިމަނައިގެން ތިން ދުވަހުގެ މުއްދަތަށް ކުރުކުރުމަށް ވަނީ ނިންމާފައެވެ.
ކޮމެޓީން ފާހަގަކުރިގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްސަދަކީ މަޖިލީހުގެ މަސައްކަތްތައް އަވަސްކުރުމެވެ. މަޖިލީހުގެ މަސައްކަތްތައް އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.
މި އިސްލާހަށް އިދިކޮޅު ފަރާތްތަކުން ވެސް ތާއީދު ލިބިފައިވާއިރު މި އިސްލާހް ފާސްކޮށްފައިވަނީ ކޮމިޓީގައި ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.