ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
މިކަން ކުށްވެރިކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ އެއްވެސް މީހަކަށް މިފަދައިން ހަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިވަގުތު ކަންކަން ހަލަބޮލި ނުކުރައްވާ އިންސާފު ގާއިމުކުރުމަށް ޖާގަ ދެއްވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭ މެންދަމު 1:07 ހާއިރު، އެމްޑީޕީއިން ކޮންމެ ރެއަކު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި ބައިވެރިވުމަށްފަހު ގެއަށް ދިޔަ މަގުމަތީގައެވެ. އެކަން ކުރީ މަންދީ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ކަމަށް ބުނެވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމްގެ ދަރިކަލަކާއި ގުޅޭގޮތުން މަންދީ ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށެވެ. މި ވާހަކަތަކާ ގުޅިގެން ރައީސްގެ އާއިލާއިން ވަނީ މަންދީގެ މައްޗަށް ދަޢުވާކުރަން ނިންމާފައެވެ. އަދި ފުލުހުން ވެސް މަންދީ އާއި ގުޅޭ މައްސަލައެއް ތަޙްޤީޤުކުރަމުން ގެންދާ ކަމަށް ބުނެވެއެވެ.
ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ތުހުމަތުކުރާ ގޮތުގައި މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން އެއީ އެމްޑީޕީން ޖައްސައިގެން އުޅޭ ސްޓަންޓަކަށް ވެދާނެއެވެ.