ފަހަކަށް އައިސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ސުލޫކުގެ މިންގަޑު ވައްތަރީ ފަނޑިޔާރަކަށް ވުރެ އެކްޓިވިސްޓެއްގެ ސުލޫކާއެވެ. ޤާނޫނު ދަމަހައްޓަން ކުރާ މަސައްކަތަށް ވުރެ ދައުލަތުގެ މުއައްސަސާތަކަށް ގޮންޖަހައި، ބަދުނާމު ކުރަން މަސައްކަތް ކުރާތީއެވެ. މިކަމުގެ ސަބަބުން އެކަމަނާގެ ނަޒާޙަތްތެރިކަމާއި، އަޚްލާޤާއި، ޝަރުޢީ ދާއިރާގައި ރާއްޖެއަށް ޚިދުމަތް ކުރުމުގައި އެކަމަނާގެ ހިތްނިޔަތާއި، ޤާބިލުކަމާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދެއެވެ.
އަޒްމިރަލްދާގެ ސުލޫކީ މައްސަލަތަކާއި ގުޅިގެން ސަސްޕެންޑް ކުރުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން ވަނީ އަޒްމިރަލްދާގެ ޢަމަލުތައް ތަޙްޤީޤް ކުރަން ފަށާފަ އެވެ. އެކަމަނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ފިރިމީހާއާއި ގުޅުންހުރި ޖިނާޢީ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުން ފަދަ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ކިބައިގައި ހުރެގެން ނުވާނެ ކަންތައްތައް ހިމެނެ އެވެ.
ޕްރޮފެޝަނަލްކޮށް ތަޙްޤީޤަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ފަނޑިޔާރަކު ކުރާނެ ކަމަށް އުންމީދުކުރާ އަޚްލާގީ ސުލޫކު އެކަމަނާ ވަނީ ބޮލާލާޖަހައި، ދައުލަތާއި ނުވަތަ ދައުލަތުގެ އެހެން ބާރުތަކާއި ދެކޮޅަށް ހަނގުރާމަ ކުރުން އިޚްތިޔާރު ކުރައްވާފައެއެވެ.
އެކަމަނާގެ ވަކީލު އިބްރާހިމް ޝަމީލަކީ މުއައްސަސާތައް ބަދުނާމު ކުރުމުގެ މި ކެމްޕޭނުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޖޭ.އެސް.ސީން އަޒްމިރަލްދާގެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އަޒްމިރާލްދާއަށް އެންމެ ފުރިހަމަޔަށް ދީފައިވާ އިރުގައާއި، އަދި ވަކީލާއި ކަންކަމުގައި މަޝްވަރާކުރަން ދީފައިވާ ކަމަށް ބުނާއިރުގައި ވެސް، އެ ކޮމިޝަނުގެ ބަސް ދޮގުކޮށް އެވާހަކަ ޤައުމުގައި ފަތުރަން މަސައްކަތް ކޮށްފައި ވެއެވެ. ފަނޑިޔާރުން އެމީހުންގެ ބެލެނެވެރި ފަރާތަށް ހާޟިރުކުރާއިރު ވަކީލުންނަށް ހުއްދަ ލިބެނީ ހަމައެކަނި ކްލައިންޓުންނަށް ލަފާ ދިނުމެވެ. މިހެން ކަންތައް ކުރި ނަމަވެސް އަޒްމިރަލްދާ އާއި އޭނާގެ ވަކީލު ވަނީ ޖޭއެސްސީން އެއްފަރާތްވާ ކަމަށް ތުހުމަތުކޮށް އާންމުން ޖޭއެސްސީ އާއިމެދު ދެކޭ ގޮތް ބަދަލުކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި މިވާހަކަތައް ދައުލަތާއި އިދިކޮޅަށް ދޮގު ޚަބަރު ފަތުރާކަމަށް ރައީސް އޮފީހުން ވެސް މީގެ ކުރިން ފާހަގަކޮށްފައިވާ ބަޔެއްގެ ކައިރިއަށް ގޮސް، ޖޭއެސްސީ ބަދުނާމު ކޮށް އެވާހަކަ ފެތުރުމަށް ވަނީ މަސައްކަތްކޮށްފަ އެވެ.
މީގެ އިތުރުން އާންމު މަސްލަހަތަށްޓަކައި އެ އަޑުއެހުންތައް ސިއްރު ކުރުމަށް ޖޭއެސްސީން ހައްގު ގޮތުގައި އިޚްތިޔާރު ކުރި ނަމަވެސް އަޒްމިރަލްދާ އަންނަނީ އާންމު އަޑުއެހުންތައް ބާއްވަން ޑިމާންޑް ކުރަމުންނެވެ. އެ ޕްރޮސެސްގެ ޤާނޫނީ މިންގަނޑަށްވުރެ ސިޔާސީ ގޮތަކަށް އެކަން ހެދުމަށް އަޒްމިރާލްދާ އަންނަނީ ބާރުއަޅައި އެވާހަކަ ދައްކަމުންނެވެ. މި ބާރުއެޅުމުން ސާބިތުވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ބޭނުންވާ ޑިސިޕްލިން އާއި ޕްރޮފެޝަނަލިޒަމް އެކަމަނާގެ ކިބައިގައި ހަމަ އެއްގޮތަކަށް ވެސް ނެތް ކަމެވެ. ޑިކޯރަމް ދަމަހައްޓައި، ޝަރުއީ ދާއިރާގެ ޕްރޮސެސްތަކަށް އިހުތިރާމް ކުރާ އެހެން ފަނޑިޔާރުންނާއި ޚިލާފަށް އަޒްމިރަލްދާ ދަނީ ފާޅުގައި ނިޒާމަށް ފުރައްސާރަކޮށް، "ފްރޭމް" ވެފައިވާ މީހެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، އަޒްމިރަލްދާގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖޭއެސްސީ އަށް އެންގުމުން، މި ސީރިއަސް ތުހުމަތުތަކަށް ޙައްލެއް ހޯދުމުގެ ބަދަލުގައި އަޒްމިރަލްދާ ވަނީ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކަށް ޙަމަލާދިނުމަށް އިޚްތިޔާރުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ހީލަތްތެރި ކޮރަޕްޓް ބަޔަކަށް ވެގެންނުވާނެއެވެ. އަޚްލާޤީ ގޮތުން އެންމެ މަތީ މިންގަނޑުތައް އެމީހުން ހިފަހައްޓަން ޖެހޭނެއެވެ. އަޒްމިރަލްދާގެ ސުލޫކުން ފެންނަނީ އޭގެ ސީދާ އިދިކޮޅެވެ. އެކަމަނާގެ ޢަމަލުތައް ދައްކުވައިދެނީ އިންސާފު ހޯދައިދީ މަސްލަޙަތު ޙިމާޔަތްކުރާނެ ކަމަށް ވަޢުދުވެގެން ތިއްބަވާ ފަނޑިޔާރެއްގެ ބަދަލުގައި ސިޔާސީ އެކްޓިވިސްޓެއްގެ ޢަމަލުތަކެވެ. ފަނޑިޔާރަކާއި ގުޅިގެން ހިނގަމުންދާ މައްސަލައެއްގައި މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ގޮތަކީ މީޑިއާގައި މުއައްސަސާތައް ކަތިލުމެއް ނޫނެވެ. އެއީ ސުޕްރީމް ކޯޓެއްގެ ފަނޑިޔާރެއްގެ ކިބައިގައި ހުރެގެން ނުވާނެ ކަމެކެވެ.
މައްސަލައާއި، މައްސަލައިގެ ޙަޤީޤަތާއި އަދި ޢާންމުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލަން ގަސްތުގައި ރާވައިގެން ކުރާ މަސައްކަތްތަކުން ސާފުވަނީ ޝަރުއީ ދާއިރާއަށް އެކަމަނާއަކީ ނާޤާބިލް ބޭފުޅެއްކަމެވެ. ޝަރުއީ ދާއިރާގެ އިތުބާރާއި ހަމަޖެހުމަށް އޭނާއަކީ ނުރައްކަލެކެވެ.