ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ޑިސިޕްލިނަރީ މައްސަލަތައް ބަލަމުންދާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމިޓީން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ތަނާޒުލް ވެއްޖެއެވެ. އެމަނިކުފާނުގެ ބަދަލުގައި އިންނަވާނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަހުމަދު ނާސިހެވެ.
އުޝާމްގެ މިގޮތަށް ނިންމެވީ ފަނޑިޔާރު އަޒްމިރަލްދާ ފޮނުއްވި ސިޓީއެއްގައި ތަޙްޤީޤުގައި އެޓާނީ ޖެނެރަލްގެ ދައުރާއި ގުޅިގެން މަސްލަހަތު ފުށުއަރާތީ ކަންބޮޑުވުން ފާޅުކުރެއްވި ސިޓީއަކާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން އުޝާމް ވަނީ އިސްތިއުފާ ނުދެއްވި ނަމަވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ދެމެހެއްޓުމަށްޓަކައި ކޮމެޓީން ވަކިވެވަޑައިގެންފައިވާކަން ސާފުކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވީއެއް ނޫނެވެ.
“ކޮމެޓީން އިސްތިއުފާއެއް ނުދެން. އަޅުގަނޑު މިހާރު ޖޭއެސްސީއަށް އަންގާފައި މިވަނީ ތަނާޒުލުވާ ވާހަކަ. ސަބަބަކީ އަޅުގަނޑުގެ (އެޓާނީ ޖެނެރަލްގެ) މަސްލަހަތު އެކަމުގައި ހިމެނޭ ކަމަށް ފަނޑިޔާރަކު ވިދާޅުވެފައިވާތީ، އެހެންކަމުން އަޅުގަނޑަށް ފެނުނީ އެންމެ ރަނގަޅު ގޮތަކީ އެ ކޮމިޓީގައި ބައިވެރިނުވުން” އުޝާމް ވިދާޅުވި އެވެ.
ޖޭއެސްސީން މިހާރު ފަނޑިޔާރު އަޒްމިރަލްދާގެ ދެ މައްސަލައެއް ދަނީ ބަލަމުންނެވެ. އެއް ކަމަކީ މަސާޖު ޕާލާއަކުން އޭނާގެ ފިރިމީހާ ޑރ.އިސްމާޢީލް ލަތީފް ހައްޔަރުކުރުމާއި ގުޅިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތުތަކާއި ގުޅޭ މައްސަލައަކާއި، ދެވަނަ މައްސަލައަކީ ސުލޫކީ ޢަމަލުތަކާއި ގުޅޭ މައްސަލައެކެވެ. މީގެއިތުރުން ފަނޑިޔާރު މަހާޒްގެ ސުލޫކީ އިތުރު މައްސަލައެއް ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް ހާޒިރުވާން ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށެވެ.