ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން އަޑުއުފުލައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ޑޮކިއުމެންޓުތައް ހުށަހަޅައިފިއެވެ. މި ޑޮކިއުމެންޓް ތަކުގައި، އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ހިންގާ ޣައިރު ޤާނޫނީ ޢަމަލުތަކާއި، އިންސާނީ ޙައްޤުތަކާއި ފާޅުގައި ޚިލާފަށް ކޮށްފައިވާ ވަރަށް ގިނަ ކަންތައްތައް އަލިއަޅުވާލާފައި ވެއެވެ.
އިސްރާއީލުގެ ނަސްލު ނައްތާލުމުގެ ޢަމަލުތައް ކުށްވެރި ކުރައްވައި ރާއްޖެއިން ހުށަހެޅި ބަޔާނުގައި، ދިވެހިރާއްޖެއިން ފާހަގަކޮށްފައިވަނީ އދ ގެ މެންބަރެއްގެ ހައިސިއްޔަތުން އިސްރާއީލްގެ މައްޗަށް ޔޫއެންއާރުޑަބްލިއު.އޭ ގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮތް ޒިންމާ ތަފްސީލުކޮށް، އެ ޖަމްޢިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަޤްވާމީ ޤާނޫނީ އުސޫލުތަކުގެ މައްޗަށް ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށް ސަރުކާރުން ބުނެއެވެ. މި ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ސަރުކާރުން ދީފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ޤާއިމުކުރުމަށް ބާރުއަޅުއްވާފައެވެ.