މަސްތުވާތަކެތީގެ މައްސަލައިގައި ސަސްޕެންޑް ކޮށްފައި ކުރީގެ ޕްރިމިއަރ ލީގް ރެފްރީ ޑޭވިޑް ކޫޓަށް 2026 ގެ ޖޫން މަހަށް ފަހު ފުޓްބޯޅަ މެޗުތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ޔުއެފާއިން އޭނާއަށް އަދަބު ދިނީ 2024 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ތެރޭގައި އޭނާގެ ޢަމަލުތަކާ ގުޅޭގޮތުން ހިންގި ތަޙްޤީޤަކަށް ފަހުގައެވެ.
ކުރިން އިނގިރޭސި ޕްރިމިއަރ ލީގުގައި އިޙްތިރާމް ލިބިފައިވާ ރެފްރީއެއްގެ ގޮތުގައި މަސައްކަތްކުރި ކޫޓް، ފުރަތަމަ ސަސްޕެންޑް ކުރީ ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން 2024 ގެ ނޮވެމްބަރު މަހުގައެވެ. އޭނާ ކޮކެއިން ބޭނުންކުރާ މަންޒަރާއި ލިވަޕޫލާއި އެ ޓީމުގެ ކުރީގެ މެނޭޖަރު ކްލޮޕްއާ ބެހޭ ގޮތުން ނޭދެވޭ ގޮތަކަށް ވާހަކަދައްކާ ވީޑިއޯތަކެއް ހާމަވުމާއި ގުޅިގެން 2024 ގެ ޑިސެމްބަރު މަހު އޭނާގެ ކޮންޓްރެކްޓް ވަނީ ރަސްމީކޮށް ބާޠިލްކޮށްފައެވެ.
ޔުއެފާގެ ބާރު ހިނގާ އެއްވެސް ފުޓްބޯޅަ މެޗެއްގައި ކޫޓަށް ރެފްރީކަން ނުކުރެވޭނެއެވެ. މިގޮތުން އޭނާ 18 މަސް ދުވަހުގެ މުއްދަތަށް މަޑުޖައްސާލަން ޖެހޭނެއެވެ. ފީފާއިން އިތުރު އަދަބެއް އިޢުލާންކޮށްފައި ނުވި ނަމަވެސް، ޔުއެފާގެ މި ނިންމުމުގެ ސަބަބުން 2026 ގެ މެދަކާ ހަމައަށް އެއްވެސް ފެންވަރެއްގެ މެޗެއްގައި ކޫޓަށް ރެފްރީކަން ނުކުރެވޭނެއެވެ.