ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާ އެއްގޮތަށް، ޒުވާނުންނަށް ބައިބަލާ ކުޅެވޭނެ މައިދާނެއް މާލޭ އުސްފަސްގަނޑު ސަރަޙައްދުގައި ސަރުކާރުން ގާއިމުކޮށްފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާޓްމަންޓުގެ މުވައްޒަފުން އުސްފަސްގަނޑުގައި ބައިބަލާ ކުޅޭ މައިދާން ހެދުމުގެ މަސައްކަތް ފެށީ އިއްޔެ ހެނދުނުއެވެ. އަދި ރޭ އެ މައިދާނުގައި ކުޅެވޭ ވަރަށް މަސައްކަތް ވަނީ ނިންމާލާފައެވެ.
މިނިސްޓްރީން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވާ އަވަސް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ރައްޔިތުންގެ އަޑު އައްސަވާ ޒުވާނުންނަށް ހެޔޮ ގޮތްތައް ހޯއްދަވައި ދެއްވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.