މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ކުޑަ އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، އީދު ސަލާމްކުރެއްވުން މުލިއާގޭގައި ބާއްވަން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދެކަނބަލުންގެ އީދު ސަލާމްކުރެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކަމަށެވެ.
އީދު ސަލާމްކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަ އަރުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އާއިލާތަކާ އެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވެސް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށެވެ.
އީދު ސަލާމްކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށާއި މުލީއާގެއަށް ވަޑައިގެންނެވޭނީ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.