ޗައިނާއިން ރާއްޖޭގެ ދަނޑުވެރިކަމަށް ދިން އެހީ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި އެހީގެ ގޮތުގައި ޗައިނާއިން ދިވެހި ދަނޑުވެރިންނަށް ހަދިޔާކޮށްފައިވަނީ 224،754 ރުފިޔާގެ އަގުހުރި މެޝިނަރީޒްއާއި ޓެސްޓު ކިޓުތަކެކެވެ.
މި ތަކެތި ހަދިޔާކޮށްފައިވަނީ ޗައިނާގެ ސިޗުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުންނެވެ. މިއީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން، ދިވެހި ސަރުކާރާއި ޗައިނާގެ އިސްވެދެންނެވުނު އިދާރާއާއި ސިޗުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ލިބުނު އެހީއެކެވެ.
އެގޮތުން، ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭޔަރ، ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓް، އޮޓަމެޓިކުން ފެންދެވޭ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލަރ އަދި ދޫނިރޯގާ ޓެސްޓުކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ، މި ތަކެތި އަތޮޅު އަދި ސިޓީ ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ޙާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް މި ތަކެތީގެ ބޭނުންހިފޭނެ މަގުފަހިކުރުމަށްޓަކައި ކަމަށެވެ.
ޗައިނާއިން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ދެމުންދާ އެހީތެރިކަމުގެ ތެރެއިން، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސް (ކަޓާސް)ގެ ޓީމެއް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް، ކޮކޮނަޓް ހިސްޕައިން ބީޓްލް ކޮންޓްރޯލުކުރުމުގެ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ހަނީމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ނެޗްރަލް އެނެމީ އިންސެކްޓް ޕްލާންޓް ޤާއިމުކުރުމުގެ ސާވޭއެއްވެސް ހަދާފައިވެއެވެ.