އަތޮޅުތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ސިއްހީ ވުޒާރާއިން ނިންމައިފިއެވެ. މި ރަޖިސްޓްރީ އެކުލަވާލުމުގެ މަޤްޞަދަކީ ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ގަވާއިދުން ޓެސްޓްތައް ހެދުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމެވެ.
ސިއްހީ ވުޒާރާއިން ބުނީ، މި ރަޖިސްޓްރީ އެކުލަވާލުމުގެ އަމަލީ މަސައްކަތް އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެށޭނެކަމަށެވެ. އަދި ކުރިއަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި އެހެން އަތޮޅުތަކުގައިވެސް މި މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ވުޒާއިން ފަހަގަކުރިއެވެ.
މި ޚިދުމަތް ތަންފީޒު ކުރުމަށްޓަކައި ކޮންމެ ހެލްތު ފެސިލިޓީއަކުން ފޯކަލްޕޮއިންޓެއް ކަނޑައަޅާ، އެ ފަރާތްތަކާ ގުޅިގެން މި މަސައްކަތް ކޯޑިނޭޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި އަދި ބޭނުންވާ ބޭހުގެ ލިސްޓާއި ބަލީގެ ޓެސްޓްތައް ހަދާ، ކޮންޓިނިއު ކުރެވޭނޭ އިންތިޒާމްތައް ވެސް ހަމަޖައްސާނެކަމަށް ވުޒާއިން ބުންޏެވެ.
ރާއްޖޭގައި ފަހަކަށް އައިސް ގައިން ގަޔަށް ނާރާ ބަލިތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ޚާއްޞަކޮށް ކެންސަރާއި، ހަކުރު ބަލި އަދި ހިތުގެ ބަލިތައް ހިމެނެއެވެ. މި ރަޖިސްޓްރީ އެކުލަވާލުމުން، މިފަދަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.