ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް މުމްބާއީ އިންޑިއަންސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުސައިން އިސްމާއިލް | 15 ގަޑިއިރު ކުރިން - 14:13
"ވިޒިޓް މޯލްޑިވްސް" އަކީ މުމްބާއީ އިންޑިއަންސް ޓީމުގެ ރަސްމީ ޓޫރިޒަމް މަންޒިލްގެ ގޮތުގައި އިޢުލާންކޮށްފި. / ފޮޓޯ: އެމްއެމްޕީއާރްސީ
"ވިޒިޓް މޯލްޑިވްސް" އަކީ މުމްބާއީ އިންޑިއަންސް ޓީމުގެ ރަސްމީ ޓޫރިޒަމް މަންޒިލްގެ ގޮތުގައި އިޢުލާންކޮށްފި. / ފޮޓޯ: އެމްއެމްޕީއާރްސީ
ޚުލާސާ

އިންޑިއާގެ ކްރިކެޓް ޓީމާއެކު ހަދާފައިވާ މި ޕާޓްނަޝިޕްގެ ދަށުން، ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ޚާއްޞަ ކެމްޕޭންތައް ކުރިއަށް ގެންދެވޭނެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޑިއާގެ މަޝްހޫރު ކްރިކެޓް ޓީމް، މުމްބާއީ އިންޑިއަންސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމާއެކު، ރާއްޖޭގެ ރަސްމީ ޓޫރިޒަމް ބްރޭންޑް "ވިޒިޓް މޯލްޑިވްސް" އަކީ މުމްބާއީ އިންޑިއަންސް ޓީމުގެ ރަސްމީ ޓޫރިޒަމް މަންޒިލްގެ ގޮތުގައި އިޢުލާންކޮށްފައިވެއެވެ. މިއީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ސޮއިކުރެވުނު މިފަދަ ފުރަތަމަ ބޮޑު އެއްބަސްވުމެވެ. މީގެކުރިން ލިވަޕޫލް ފުޓްބޯޅަ ޓީމާއެކު ވެސް ވަނީ މިބާވަތުގެ އެއްބަސްވުމެއް ހަދާފައިކަން ފާހަގަ ކުރެވެއެވެ.

އެމްއެމްޕީއާރުސީގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، މި އެއްބަސްވުމާއެކު އިންޑިއާ އަދި ބައިނަލްއަޤްވާމީ މާކެޓުގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިޝްތިހާރުވާނެ ކަމަށެވެ. އަދި މިއަހަރު އިންޑިއާއިން 200,000 ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލުވުމަށް މި އެއްބަސްވުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕާޓްނަޝިޕްގެ ދަށުން، މުމްބާއީ އިންޑިއަންސްއާއެކު ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ޚާއްޞަ ކެމްޕޭންތައް ކުރިއަށް ގެންދެވޭނެ ކަމަށާއި، މީގެ އިތުރުން، އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ހަރަކާތްތައް ބޭއްވުމާއި، އިންޑިއާގެ ރަސްމީ ކްރިކެޓް ލީގް، އައިޕީއެލްގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރެވޭނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

އެމްއެމްޕީއާރުސީގެ ޗެއާމަން ޢަބްދުﷲ ގިޔާސް ވިދާޅުވެފައިވަނީ، އިންޑިއާގެ އާންމުންނަށް އަމާޒުކޮށްގެން ބީޓުސީ ކެމްޕޭންތަކެއް ފެށުމަށް ރާވާފައިވާ ކަމަށެވެ. މީގެ އިތުރުން، އިންޑިއާގެ ސްޓާރުންނާއެކު ރާއްޖެ ޕްރޮމޯޓްކުރުމަށާއި، ބްރޭންޑް އެމްބެސެޑަރުން ފަދަ ފަރާތްތައް ހަމަޖައްސައިގެން ރާއްޖެ އިޝްތިހާރުކުރުމަށް ވެސް ރޭވިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%