ހާލަންޑުގެ ގޯލާއެކު ސިޓީ ހަތަރުވަނައަށް ޖެހިލައިފި

ހުސައިން އިސްމާއިލް | 21 ދުވަސް ކުރިން - 10:56
ގޯލު ޖެހުމަށްފަހު ހާލަންޑް އާއި ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ.
ގޯލު ޖެހުމަށްފަހު ހާލަންޑް އާއި ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ.
ޚުލާސާ

ޓޮޓެންހަމް ހޮޓްސްޕަރގެ މައްޗަށް 0-1 އިން ސިޓީ މޮޅުވެ ޕްރިމިއަރ ލީގުގެ ތާވަލުގެ 4 ވަނަ އަށް ޖެހިލީ 27 މެޗުން ލިބުނު 47 ޕޮއިންޓާއެކު.

މެންޗެސްޓަރ ސިޓީގެ ސްޓްރައިކަރު އާލިންގ ހާލަންޑްގެ ގޯލާއެކު ޓޮޓެންހަމް ހޮޓްސްޕަރގެ މައްޗަށް 0-1 އިން ސިޓީ އިން ކުރި ހޯދައިފިއެވެ.

މިއާއެކު ގަދަ 4 ގައި އޮވެވޭނެ ކަމުގެ އުންމީދު ސިޓީއަށް ވަނީ އިތުރަށް ފުޅާވެފައެވެ. ސަބަބަކީ 3 ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓު އޮތީ ސިޓިއަށް ވުރެ އެންމެ ޕޮއިންޓެއް ކުރީގައެވެ. ދެވަނައިގައި އޮތް އާސެނަލަށް ރޭ ނޮޓިންހަމް ފޮރެސްޓް ބަލި ނުކުރެވުނެވެ.

ރޭގެ މެޗުގައި ސިޓީ އިން މެޗުގެ 12 ވަނަ މިނެޓުގައި ޖެރެމީ ޑޮކޫގެ ބޯޅައަކުން ހާލަންޑް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލާފައެވެ.

ސިޓީގެ ގޯލްކީޕަރު އެޑަރސަން ވަނީ މެޗުގެ ދެވަނަ ހާފުގައި ސްޕަރސްގެ ގިނަ ހަމަލާތަކެއް ހުއްޓުވައި، ސިޓީގެ ލީޑު ހިފަހައްޓައިދީފައެވެ. ސްޕަރސްގެ ކެވިން ޑާންސޯ ބޮލުން ފޮނުވާލި ހަމަލާއަކާއި، ސަން ހޫންގ-މިންގެ ބާރުގަދަ ޝޮޓެއް އެޑަރސަން ވަނީ ހުއްޓުވާލާފައެވެ.

މެޗުގެ އިންޖަރީ ޓައިމްގައި ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ނަމަވެސް ރެފްރީ ޖާރެޑް ގިލެޓް ނިންމީ ހާލަންޑް އެ ބޯޅައިގައި އަތްލާފައިވާ ކަމަށެވެ. ވީއޭއާރުން މި ނިންމުން ބަދަލުކުރާ ވަރުގެ ހެއްކެއް ނުފެނުނެވެ.

މި މޮޅާއެކު ސިޓީ ވަނީ ޕްރިމިއަރ ލީގުގެ ހަތަރުވަނަ އަށް ޖެހިލައިފައެވެ. ސްޕަރސް އޮތީ 13 ވަނައިގައެވެ.

ސިޓީގެ މެނޭޖަރު ޕެޕް ގުއާޑިއޯލާ ބުނީ މެޗުގެ ދެވަނަ ހާފުގައި ސްޕަރސްގެ ހަމަލާތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މުޅި މެޗު ކޮންޓްރޯލް ކުރެވުނު ކަމަށެވެ. އަދި މި ސީޒަންގައި ކުރީގެ ސިޓީގެ ފެންވަރަށް ނުދެވުނު ނަމަވެސް، އަނބުރާ އެ ހިސާބަށް ދާނެ ކަމަށް އޭނާ ބުންޏެވެ.

ރޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލުން ވަނީ 2_0 ލަނޑުން ނިއުކާސަލް ބަލިކޮށްފައެވެ. މެންޗެސްޓަރ ޔުނައިޓެޑުން އިޕްސްވިޗް ޓައުންގެ މައްޗަށް 3-2 އިން ކުރި ހޯދިއިރު އެވަޓަން އާއި ބްރެންޓްފޯޑުގެ މެޗު އެއްވަރުވީ 1-1 އިންނެވެ. އާސެނަލް އާއި ނޮޓިންހަމް ފޮރެސްޓް މެޗު އެއްވަރުވީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%