އެމިރޭޓްސް ސްޓޭޑިއަމްގައި ވެސްޓްހެމް އާއި ދެކޮޅަށް ކުޅުނު މެޗުގައި 1-0 އިން މިރޭ އާސެނަލް ބަލިވުމާއި ގުޅިގެން ކޯޗު މިކޭލް އާޓެޓާ ވަރަށް ބޮޑަށް ރުޅި އައިސްފިއެވެ.
25 މެޗުން އެންމެ 27 ޕޮއިންޓައެކު 26 ވަނައިގައި އޮތް ވެސްޓްހެމް އާއި ދެކޮޅަށް މިރޭ ކުޅެ އާސެނަލްގެ އަމިއްލަ ދަނޑުގައި ބަލިވުމުން ރުޅި އައިސްފައި ހުރި އާޓެޓާ ބުނީ ވަރަށް ބޮޑަށް ވޭނާއި ހިތާމަ އިހުސާސްކުރެވޭ ކަމަށެވެ.
މި ބައްޔާއެކު އާސެނަލްގެ ޕްރިމިއަރ ލީގު ކާމިޔާބުކުރުމުގެ އުންމީދަށް އިތުރު ހީނަރުކަމެއް ލިބިފައިވެއެވެ.
ގަނާސް އަށް ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާއި ދެމެދުގައި އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރުމުގެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފުމަށް ނުކުޅެދުނެވެ.
ފުރަތަމަ ހާފު ނިމުމާ ކައިރިވެފައި ވަނިކޮށް ޖެރޮޑް ބޮވެން ޖެހި ލަނޑު އާސެނަލްގެ މައްޗަށް ވެސްޓްހެމް ކުރި ހޯދިއެވެ. އާސެނަލުން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ޕޮއިންޓެއް ނުލިބުނު ތަނުގައި އެންމެ ގޯލެއް ވެސް ޖެހޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ މައިލްސް ލުވިސް-ސްކެލީ ވެސްޓްހެމްގެ މުހައްމަދު ކުދޫސްއަށް ކުރި ނުރައްކާތެރު ޓެކްލަކާއި ގުޅިގެން ސީދާ ރަތް ކާޑެއް ވެސް ދައްކާފައިވެއެވެ.
މެޗަށްފަހު ހިތާމަ ކުރަމުން އާޓެޓާ ބުނީ، "މިއީ ވޭންދެނިވި ކަމެއް، އެކަމަކު މިއީ ކުޅިވަރު. މިއަދު އަޅުގަނޑުމެން މި ވޭން އިހުސާސްކުރަން ޖެހޭނެ. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް އެކަން ޙައްޤުވެސްވޭ." އަދި އިތުރަށް ރުޅިއައިސްފައިވާކަން ފާޅުކުރައްވަމުން ވިދާޅުވެފައިވަނީ، "މިހާރު މިކަން އަޅުގަނޑުމެންގެ އަތްމަތީގައެއް ނެތް... ވަރަށް ބޮޑަށް ރުޅިއައިސްފައި މިހިރީ. ވަރަށް ބޮޑަށް ހިތާމަ ވެސް ކުރަން،"
މި ބައްޔާއި އެކު އާސެނަލް ވަނީ ލިވަޕޫލް އާއި ދެމެދު 8 ޕޮއިންޓުގެ ފަރަގެއް އުފެދިފައެވެ. އަދި ލިވަޕޫލްއަށް މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ މި ފަރަގު އިތުރަށް ބޮޑުވެގެންދާނެއެވެ.
މިވަގުތު ލިވަޕޫލަށް 26 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އާސެނަލް އޮތީ 26 މެޗުން 53 ޕޮއިންޓައި އެކު 2 ވަނައިގައެވެ.