އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު ލިވަޕޫލުން 2-1 ލަނޑުން ވުލްވުސް ބަލިކޮށް ތާވަލުގެ ކުރީގައި 7 ޕޮއިންޓުގެ ލީޑެއް ހޯދައިފައެވެ. މިއާއި އެކު ލިވަޕޫލްގެ 20 ވަނަ ޕްރިމިއަރ ލީގު ތަށި ގާތް ވީއެވެ.
އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލުއިޒް ޑިއާޒް އާއި މުހައްމަދު ސަލާޙް ލަނޑު ޖެހިއިރު ވޮލްވްސްގެ ލަނޑު ޖެހީ މަތިއުސް ކޫނިއާއެވެ.
މި މޮޅުވުމާއެކު ލިވަޕޫލް ވަނީ 25 މެޗުން 60 ޕޮއިންޓް ހޯދައި، ދެވަނައިގައިވާ އާސެނަލްއަށްވުރެ 7 ޕޮއިންޓް އިތުރުކޮށްފައެވެ. އާސެނަލްއަށް މިހާތަނަށް ލިބިފައިވަނީ 53 ޕޮއިންޓެވެ.
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް އާއި އެސިސްޓެންޓް ކޯޗަށް އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދެއްކި ނަމަވެސް، މި މެޗުގައި އެ ދެ މީހުންވެސް ތިބީ ލިވަޕޫލްގެ ބެންޗުގައެވެ. އިނގިރޭސި އެފްއޭ އިން އެ މައްސަލަ ބަލަމުންދާއިރު، އަންނަ ބުދަ ދުވަހުގެ ކުރިން އެކަމަށް ޖަވާބުދާރީވުމަށް ސްލޮޓަށް އަންގާފައިވެއެވެ.
ލިވަޕޫލް އަންނަ ބުރާސްފަތި ދުވަހު އެސްޓަން ވިލާ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅޭނެއެވެ. މި މެޗުން ލިވަޕޫލަށް ތިން ޕޮއިންޓް ލިބިއްޖެނަމަ، ޕްރިމިއަރ ލީގުގެ ތަށި ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.