ރޯދަ މަހު "އެއްގެއިން އަނެއްގެއަށް" ތަކެތި ހަދިޔާކުރުމަށް އެޗްޑީސީން ކެމްޕެއިނެއް ފަށަނީ

އަހްމަދު އީޒާން | 43 ދުވަސް ކުރިން - 00:54
ޚުލާސާ

އެޗްޑީސީން ބުނީ މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުން ވެސް ތަކެތި ހަދިޔާ ކުރެވިދާނެ. އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ.

މި އަންނަ ރޯދަ މަހާއި ދިމާކޮށް ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި ހަދިޔާކުރުމަށް "އެއްގެއިން އަނެއްގެއަށް" ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ އާބާތުރަ ފިލުމަށް ފަރުނީޗަރާއި ހިފައި ގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެއް ކަމަށެވެ. އުކާލާ ތަކެތީގެ ތެރޭގައި މާބޮޑަށް ބައު ނުވެ، އަލުން ބޭނުންކުރެވޭނެ ތަކެތި ހިމެނޭކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެހެންވެ، އެޗްޑީސީގެ ފަރާތުން އަންނަ ރޯދަ މަހާއި ދިމާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ، އެއްގެއިން ބޭނުން ނުވާ، ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށް ފަހު، އެ ތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި، މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުން ވެސް ތަކެތި ހަދިޔާ ކުރެވިދާނެ އެވެ. މި ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށެވެ.

އަންނަ މަހުން ފެށިގެން ދެހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށް ފަހު، އެ ތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ގޭގެއިން ތަކެތި ނެގުން ހުއްޓާލާނީ އަންނަ މަހު 16 ވަނަ ދުވަހު ކަމަށެވެ.

ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެ ނަމަ، އެ ތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށް ފަހު، އެ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި، މި ޕްރޮގުރާމުގެ މަގުސަދަކީ، ރޯދަ މަހު އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރުއެޅުމެވެ. އަދި މިއީ، ރޯދަ މަހާއި ދިމާކޮށް ފްލެޓުތަކުން އުކައިލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއި އެކު، ނައްތާލަން ޖެހޭ ކުނިމަދުކޮށް، އަލުން ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެއްވެސް ފަރާތަކުން މި ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުން ނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%