މާލެއިން ބޭރުގައި ހަދާ ފުރަތަމަ ދަމަނަވެށި ހދ. ކުޅުދުއްފުށީގައި ހުޅުވަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ކުޅުއްދުއްފުށީގައި ދަމަނަވެއްޓެއް ގާއިމްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ރޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް ކަމަށެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހެއިރު ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 23,113,061.08ރ. ކަމަށާއި މަސައްކަތުގެ މުއްދަތަކީ ދޮޅު އަހަރު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިއީ މާލެއިން ބޭރު އެއްވެސް ތަނެއްގައި ހަދާ ފުރަތަމަ ދަމަނަވެއްޓެވެ. މާލޭގައި ހިންގާ ދަމަނަވެށިން ދޭ ހުރިހާ ހިދުމަތެއް ދޭ ގޮތަށް ކުރިއަށް ގެންދާ މި އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށެވެ.
ހެލްތު މިނިސްޓްރީން ބުނީ އެތަނުން ދޭނެ ހިދުމަތުގެ ތެރޭގައި ވެކްސިން ދިނުމާއި ކުޑަކުދިން ހެދިބިޑުވުމުގެ މައުލޫމާތު އެއްކުރުމާއިި ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ހިންގުމުގެ އިތުރުން އެކިއެކި ސިއްހީ ކަންކަމާއި ގުޅޭ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވެސް ހިންގާނެ ކަމަށެވެ.