މާކުރަތު ތަރައްޤީކޮށް ނަތީޖާ ނެރެދޭނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 50 ދުވަސް ކުރިން - 18:32
ޚުލާސާ

މާކުރަތުގެ ބަނދަރުގެ މަސައްކަތާއި، ކުރިން ފެށި ޕަބްލިކް ވޯކްސް ސަރަހައްދު ތަރައްޤީކުރުމުގެ އިތުރުން ޞިއްޙީ މަރުކަޒާއި ސްކޫލާއި އަދި ޒުވާނުންނަށް ބޭނުންވާ ތަފާތު ކަންކަން ވެސް އެރަށުގައި ހިންގާނެ.

ރ. މާކުރަތުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގައި، ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިޔަޤީންކަން ދެއްވީ މިއަދު ރ. މާކުރަތަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މާކުރަތުގެ ތަރައްޤީގައި ކުލަ ޖެއްސުމަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި، އެމަނިކުފާނު ދެއްވާނެ ޔަޤީންކަމަކީ ނަތީޖާ ނެރެދޭނެކަމެވެ. އެގޮތުން މާކުރަތުގެ ބަނދަރުގެ މަސައްކަތް މިއަހަރު ފުރިހަމަކޮށްދެއްވާނެ ކަމަށާއި، ކުރިން ފެށި ޕަބްލިކް ވޯކްސް ސަރަހައްދު ތަރައްޤީކޮށް ނިންމަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މާކުރަތުގައި މޯބައިލް ޕަބްލިކް ވޯކްސް ސަރވިސް ސައިޓެއް ޤާއިމްކުރައްވާނެ ކަމަށާއި، މިއީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޤާއިމްކުރައްވާ ސައިޓްތަކުގެ ތެރެއިން އެއް ސައިޓްކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކޮންމެ ރަށެއްގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ބެލެހެއްޓުމުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މާކުރަތުގެ ސިއްޙީ މަރުކަޒު ތަރައްޤީކުރައްވާނެ ކަމަށާއި، އެދާއިރާއަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވެސް މިއަހަރު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ހޯދައިދެއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން މާކުރަތުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ. އަދި ޒުވާނުންގެ މަރުކަޒާއި، އިތުރު ކުޅިވަރުގެ ވަސީލަތްތައް ވެސް ޤާއިމްކުރުމުގެ ކަންކަން ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް، އަންނަ އަހަރު ގެދޮރުވެރިކަމުގެ މަޝްރޫޢެއް މާކުރަތުގައި ހިންގަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މާކުރަތުގެ ތަރައްޤީގެ ގިނަ ކަންކަން މިއަހަރު ހިންގައި، ހުއްޓިފައިވާ މަޝްރޫޢުތައް ފަށައި، އެކަމުގައި ނަތީޖާ ނެރެދީ ފުރިހަމަކޮށްދެއްވާނެކަމަށެވެ. މިކަންކަމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ ކަންކަމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%