މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީން) ގަތަރު އެއާވޭސްއާ އެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ ދުބާއީގައި މިހާރު ކުރިއަށް ގެންދާ އޭޓީއެމް 2025 ފެއާގެ ހަވާސާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ މުހިންމު ރަސްމިއްޔާތުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށއެވެ. އަދި ގަތަރު އެއާވޭސްގެ ވިއުގައިގެ ތެރެއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް އަމާޒުކޮށް، އެކި ގައުމުތަކުގައި ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމަށް ރޭވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވީ އެއީ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް ވަރަށް މުހިންމު ކުރިއެރުމެއް ގެނެސްދޭނެ އެއްބަސްވުމެއް ކަމަށެވެ.
"ގަތަރު އެއާވޭސް ފަދަ ބައިނަލްއަގުވާމީ އެއާލައިނަކާއެކު މިފަދަ ގުޅުމެއް ގާއިމްކުރެވުމަކީ އަޅުގަނޑުމެންގެ މާކެޓިން މަސައްކަތްތަކަށް ވަރަށް ބޮޑު ފުރުސަތެއް ލިބިގެންދާނެ ކަމެއް," ތޯރިގް ވިދާޅުވި އެވެ.
އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ރާއްޖޭގެ އިގުތިސާދަށް ފައިދާކުރާނެ ކަމަށް އުއްމީދުކުރެވޭ ކަމަށާއި ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓް މަންޒިލުގެ ގޮތުގައި ދެމެހެއްޓުމަށް އިތުރު ބާރަކަށް ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.