ލިވަޕޫލް އާއި ގުޅިގެން ދުބާއީގެ ޓެކްސީތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް

އަހްމަދު އީޒާން | 3 ގަޑިއިރު ކުރިން - 30 އޭޕްރިލް 2025 12:19
ރާއްޖޭގެ އިޝްތިހާރެއް ޖަހާފައިވާ ދުބާއީގެ ޓެކްސީއެއް ކައިރީގައި މިނިސްޓަރު ތޯރިބް މަޑުކުރައްވައިގެން / ފޮޓޯ: އެމްއެމްޕީއާރުސީ
ރާއްޖޭގެ އިޝްތިހާރެއް ޖަހާފައިވާ ދުބާއީގެ ޓެކްސީއެއް ކައިރީގައި މިނިސްޓަރު ތޯރިބް މަޑުކުރައްވައިގެން / ފޮޓޯ: އެމްއެމްޕީއާރުސީ
ޚުލާސާ

ދުބާއީގެ މަގުތަކުގައި ދުއްވާ ޓެކްސީތަކުގައި "ސަނީ ސައިޑް އޮފް ލައިފް"ގެ ނަމުގައި ރާއްޖޭގެ ފޮޓޯތައް ފެންނަން ހުންނާނެ.

ރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް ލިވަޕޫލް އެފްސީއާ ގުޅިގެން ދުބާއީގެ މަގުތަކުގައި ދުއްވާ ޓެކްސީތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ހާއްސަ މަޝްރޫއެއް އިއްޔެ ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއަކީ އަރަބް ޓްރެވަލް މާކެޓް (އޭޓީއެމް) 2025 ގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮމޯޝަނަލް ހަރަކާތެއް ކަމަށެވެ. އެ ހަރަކާތުގެ ސަބަބުން ދުބާއީގެ މަގުތަކުގައި ދުއްވާ ޓެކްސީތަކުގައި "ސަނީ ސައިޑް އޮފް ލައިފް"ގެ ނަމުގައި ރާއްޖޭގެ ފޮޓޯތައް ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ އެ މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމަށް އިތުރު ސަމާލުކަމެއް ގެނައުން ކަމަށެވެ. އަދި ލިވަޕޫލް އެފްސީއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން، ދުބާއީގެ މަގުތަކުގައި ދުއްވާ ގިނަ އަދަދެއްގެ ޓެކްސީތަކުގައި ރާއްޖޭގެ މަންޒަރުތައް ފެންނަން ހުންނާނެ ކަމަށް ބުންޏެވެ.

މި ޕްރޮމޯޝަނަލް ހަރަކާތުގެ ސަބަބުން ދުބާއީގެ މަގުތަކުގައި ދުއްވާ ޓެކްސީތަކުގައި ރާއްޖޭގެ ރީތި ފަޅުތަކާއި ދޮންވެލި ގޮނޑުދޮށްތަކާއި ކަނޑުގެ މަންޒަރުތަކާއި ރާއްޖޭގެ ރިސޯޓުތަކުގެ މަންޒަރުތަކާއި ފަތުރުވެރިންނަށް ލިބެންހުރި ތަޖުރިބާތަކުގެ މައުލޫމާތު ވެސް ފެންނަން ހުންނާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި ކަހަލަ އީޖާދީ މާކެޓިން ކެމްޕޭންތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ރާއްޖޭގެ އިގުތިސާދަށް ފައިދާ ކުރާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%