ބޭރު ފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިންތިހާއަށް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރު ފައިސާ މާރުކުރުމަށް މުއާމަލާތްކުރާ މެސެޖިން އެޕްތަކުގެ (ވައިބާ، ޓެލެގްރާމް އަދި ވަޓްސްއެޕް) ގްރޫޕްތަކުގައި ސްކޭމަރުން ތިބޭނެތީ، މުއާމަލާތްކުރާއިރު އެ ފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ރަޖިސްޓާކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ވައިބާ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް އެދި ފުލުހުން ވަނީ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާނުކުރުމަށް ވެސް އެދިފަ އެވެ. އަދި ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށާއި ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ހާއްސަ ކޯލް ސެންޓަރަށް ގުޅައި މައްސަލަތައް އަވަހަށް ރިޕޯޓްކުރުމަށް ފުލުހުން އިރުޝާދު ދީފައިވެ އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާ އެކު ކުރަން ޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ. އެ ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި އެ އިދާރާތަކުން ލިބެން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެ އެވެ.
ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.