ރ. މާކުރަތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއެއް ބަހައްޓާނެ އިމާރާތެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާކުރަތަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބޭންކުގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ބަދުރުއްދީން ހަސަނެވެ. އަދި މާކުރަތު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، މުޙައްމަދު ރަމީޒެވެ.
މި އެއްބަސްވުމުގެ ދަށުން، މާކުރަތުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓާނެ އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް އެރަށު ކައުންސިލާ ހަވާލުކޮށްފައިވެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ސަރުކާރުން ވަނީ އިފްތިތާހުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އޭޓީއެމް ހޯދަން ބީއެމްއެލްއިން އިޢުލާންވެސް ކޮށްފައިވެއެވެ.
މިހާރު ރާއްޖޭގައި ބީއެމްއެލްގެ 190 އޭޓީއެމް ގާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ. އަދި މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ.
މާކުރަތުގެ އިތުރުން ރ. އަތޮޅުގެ އެހެން ރަށްރަށުގައި ވެސް އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ރ. ފައިނު، ރ. އަނގޮޅިތީމު، ރ. ވާދޫ، ރ. ރަސްގެތީމު، ރ. ހުޅުދުއްފާރު، ރ. ރަސްމާދޫ އަދި ރ. ކިނޮޅަހުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓަން އެ ރަށްރަށުގެ ކައުންސިލްތަކާއި ވަނީ ހަވާލުކޮށްފައެވެ.