ފައިނު އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމް.ޓީ.ސީ.ސީ އާއެކު އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އެގްރިމެންޓް ކުރުމަށް ނިންމަވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފައިނުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެރަށު ފެނާއި ނަރުދަމާގެ ބައެއް މަސައްކަތްތައް ކޮށްފައިވާ ސަރަހައްދު، އެއާޕޯޓުގެ ސަރަހައްދާއި ދިމާވާތީ ގެންނަންޖެހޭ ބަދަލުތައް ގެނައުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިފައިވާ ކަމަށެވެ. އަދި މިދިޔަ ސަރުކާރުން، ފައިނު އެއާޕޯޓް އެޅުމަށް ހުރަސް އެޅުމަށްޓަކައި އެއާޕޯޓަށް ސީދާ ބޭނުންވާ ސަރަހައްދުގައި ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންވާ ބައެއް ތަންތަން ހަދާފައި ހުރި ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ފައިނު އެއާޕޯޓަކީ ރަށުގެ ރައްޔިތުންގެ އުއްމީދެއްގެ އިތުރުން ދާއިރާގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ވެސް އިޤްތިޞާދީ ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއާޕޯޓެއް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ގިނަ ވަޒީފާތަކާއި ރިޒޯޓްތައް އުފެދިގެންދާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވަނީ މި ދައުރުގެ ތެރޭގައި ރ އަތޮޅުގައި ގިނަ ރިޒޯޓްތަކެއް ހެދުމަށް ފުރުސަތު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި މުޅި ޓޫރިޒަމް އިންޑަސްޓްރީއަށާއި އަތޮޅުގެ ޓޫރިޒަމަށް އިތުރު ކުރިއެރުންތަކެއް އައިސް، އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.