ރ. ކިނޮޅަހުގެ ތަރައްޤީއަށް ކުރަންހުރި ގިނަ މަސައްކަތްތައް މިއަހަރު ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެ، އެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މި ޔަޤީންކަން ރައީސް ދެއްވީ މިއަދު ކިނޮޅަހު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކިނޮޅަހު ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ވަނީ ރަށުގެ ހުރި އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެރަށުގައި ފާއިތުވި 12 އަހަރު އެއްވެސް ސަރުކާރަކުން ކުޅިވަރުގެ ދާއިރާއިން އެއްވެސް ސަމާލުކަމެއް ދީފައިނުވާކަމުގެ ކަންބޮޑުވުން ކައުންސިލްގެ ރައީސް ފާޅުކުރެއްވިއެވެ. އަދި ކުޑަކުދިންނާއި އާއިލާތަކަށް ހިތްހަމަ ޖައްސާލާނެ ޕާކް އަދި އެނޫންވެސް ވަސީލަތްތަކެއް އެރަށުގައި ޤާއިމްކޯށްދީފައި ނުވާކަން ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކިނޮޅަހުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ކުލަ ޖައްސައިދީ ޢަމަލީގޮތުން ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުގައި އެއްވެސް ތަފާތެއްނެތި ކުދި އަދި ބޮޑެތި އާބަދީ ތަކުގައި ޕާކްތައް ހެދުމަކީ ތަރައްޤީއަށް މުހިންމު އަދި އިސްކަންދެއްވާ ކަމެއް ކަަމަށެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި އިޖްތިމާޢީ ކަންކަމަށް އިސްކަންދެއްވާ ކަމަށާއި، ޚާއްޞަކޮށް ދުޅަހެޔޮ ކަމަށް ބޭނުންވާ ކަންކަން ތަރައްޤީ ކުރުމަށް ބަޖެޓުގައި ޖާގަ ދީފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރު ކިނޮޅަހުގައި ޕާކެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށާއި، އަދި ކުޅިވަރުގެ ވަސީލަތްތައް ވެސް ޤާއިމްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ފެންވަރުގައި ފުޓްސަލް ދަނޑާއި ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރައްވާނެ ކަމަށެވެ. އަދި ހޭންޑްބޯޅަ ކުޅުން ވެސް ރާއްޖޭގައި ބާރު ދުވެލީގައި ކުރިއަރައިގެން އަންނާތީ، ކިނޮޅަހުގައި ވެސް އެފަދަ ހޭންޑްބޯލް ކޯޓު ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ
ޖީލެއް ބިނާކުރުމަށް ތަޢުލީމީ އިންފްރާސްޓްރަކްޗަރއަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކިނޮޅަހު ސްކޫލްގެ ތަރައްޤީއަށް ޕްލޭން ހަދައި، ކްލާސްރޫމާއި، ހޯލާއި، ފާޚާނާތައް ހިމެނޭހެން ހުރިހާ ވަސީލަތެއް ހަމަކޮށްދިނުމަށް އިސްކަންދެއްވާނެ ކަމަށެވެ. އޭގެތެރެއިން ގިނަ ކަންކަން މިއަހަރުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްޙީ ދާއިރާއަށް ވެސް އިސްކަން ދެއްވާނެ ކަމަށާއި، އެރަށު ސިއްޙީ މަރުކަޒުގައި އަލަށް އެކްސްޓެންޝަން ޢިމާރާތެއް އަޅުއްވައިދެއްވާނެކަމަށެވެ. މީގެ އިތުރުން، އެމްބިއުލާންސްގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ވިދާޅުވީ މިއަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި އޭޓީއެމްތައް ގާއިމްކުރުމާއި، ކުނި މެނޭޖުކުރުމާއި، ފުލުހުންގެ ޚިދުމަތް ޤާއިމްކުރުން ހިމެނޭކަމަށެވެ. އެހެންކަމުން ފުލުހުންގެ ޚިދުމަތް މިއަހަރު ކިނޮޅަހުގައި ގާއިމްކުރާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އިސްކަންދެއްވާނެކަމަށް ވިދާޅުވެ، އެކަމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ލޯކަލް ޓޫރިޒަމް ފަށާ ސަރަހައްދަށް ފެނާއި ނަރުދަމާ ގުޅައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މުޅި ރާއްޖެއަށް ލައިބްރަރީގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާކަމަށާއި، ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ވެސް ލައިބްރަރީ މުހިންމުކަމަށް ރައީސް ވިދާޅުވެ، މުޅި ރާއްޖެއަށް ޕަބްލިކް ލައިބްރަރީ ފުޅާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކިނޮޅަހުގެ ތަރައްޤީއަށްހުރި ގިނަ ކަންކަން މިއަހަރު ޢަމަލީ މަސައްކަތް ފެށި، ބާކީ މަސައްކަތް އަންނަ އަހަރު ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.