ހައުސިންގ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދަން އަންނަ ހަފްތާގައި ހުޅުވާލުމަށް ދަނީ ތައްޔާރުވަމުން: ވަޒީރު މުއްޠަލިބް

އައިޝަތު ރުވާ ރިފްޢަތު | 90 ދުވަސް ކުރިން - 23 ޖެނުއަރީ 2025 12:20
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ޚުލާސާ

ހައުސިންގ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދާއިރު، ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށްވެސް ހުޅުވާލާނެ ކަމަށާއި އަދި ޕްރޮޖެކްޓްތަކަށް ހުޅުވާލާނީ، ފައިނޭންސިންގގެ އެކިއެކި ސްކީމްތަކުގެ ތެރެއިން ކަމަށް ވާޒީރު މުއްޠަލިބު ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް، އަތޮޅުތަކަށް އިޢުލާނުކުރެއްވި ހައުސިންގ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. މި މަސައްކަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެއްފަހަރާ އެތައް ހާސް ހައުސިންގ ޔުނިޓެއް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ފުރުޞަތު ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށް ވެސް ހުޅުވާލާނެ ކަމަށެވެ. އަދި ޕްރޮޖެކްޓްތަކަށް ހުޅުވާލާނީ، ފައިނޭންސިންގގެ އެކިއެކި ސްކީމްތަކުގެ ތެރެއިން ކަމަށް ވެސް ވިދާޅުވިއެވެ.

"އަންނަ ހަފްތާގައި ޓެންޑަރިންގ ޕަބްލިޝް ކުރެވޭނެ. މަޝްރޫޢުތައް ގެންދާނެ ބަޖެޓުންވެސް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންވެސް. އަދި ކޮންޓްރެކްޓަރާއި ދައުލަތުގެ ބަޖެޓުން ބައެއް ހިމެނޭގޮތަށްވެސް ގެންދާނަން. އަދި ބައެއް ޕްރޮޖެކްޓްތަކަށް ލޯނު ފެސިލިޓީވެސް ހޯދާނެ،" ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި 20,000 ހައުސިންގ ޔުނިޓް އަދި ދެކުނުގައި 20,000 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ހިންގެވުން ހިމެނެއެވެ. މި މަޝްރޫޢު ތަކަށް މިއަހަރުގެ ބަޖެޓުގައި 2.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ފަށާފައި ނުނިމި ހުރި މަސައްކަތްތައް އަވަސް ކުރުމަށް ވެސް ކަމާ ގުޅުންހުރި ވުޒާރާތަކާއި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބޮޑު ހިލަ ނުލިބިގެން ނުނިމި ހުރި މަސައްކަތްތައް އަވަސްކުރުމަށް، ބޮޑުހިލައިގެ ބަލްކް ޝިޕްމަންޓްތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މި މަސައްކަތުގައި ސަރުކާރު ކުންފުނިތަކާއި ގިނަ މަސައްކަތްތަކެއް ހަވާލުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބިންހިއްކުން ފަދަ މަޝްރޫޢުތައް އަވަހަށް ކުރުމަށް، ޑްރެޖަރާއި އިތުރު ވަސީލަތްތައް ވެސް ހޯދުމަކީ އަމާޒެއް ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އައު މަޝްރޫޢުތައް އަވަހަށް ފެށޭނީ ކުރިން ފަށާފައި ހުރި މަސައްކަތްތައް އަވަހަށް ނިންމުމުން ކަމަށާއި، މިކަމާއި ގުޅޭ ޓެކްނިކަލް މަސައްކަތްތައް ފިނޭންސް މިނިސްޓްރީއާއެކު ކުރަމުންދާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%