ރައީސް، އިންނަމާދޫގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 97 ދުވަސް ކުރިން - 23 ޖެނުއަރީ 2025 10:16
ރައީސް އިންނަމާދޫ ކައުންސިލާއި އ.ތ.މ.ކ އާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް އިންނަމާދޫ ކައުންސިލާއި އ.ތ.މ.ކ އާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަން ފުއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރ. އިންންނަމާދޫގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އިންނަމާދޫ ކައުންސިލްގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް ކައުންސިލުން އަލިއަޅުވާލައްވާފައި ވެއެވެ. މިގޮތުން، ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތާއި، ރަށުގެ ގިރާ ސަރަހައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، އިންނަމާދޫ ޞިއްޙީ މަރުކަޒާއި ސްކޫލުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފައި ވެއެވެ. އަދި ނަރުދަމާގެ ނިޒާމުގެ ކަނެކްޝަންތަކުގެ މައްސަލަތައް ހައްލު ކޮށްދެއްވައި، ރަށުގެ މަގު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށާއި، ރަށުގެ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަ ކުރައްވާފައި ވެއެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަން ފުއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސް ހިއްސާކުރައްވާފައި ވެއެވެ.

މި ބައްދަލުވުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.        

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%