ރައީސުލްޖުމްހޫރިއްޔާ ވާދޫ ކައުންސިލުގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 98 ދުވަސް ކުރިން - 21 ޖެނުއަރީ 2025 14:03
ރައީސް ވާދޫގެ ކައުންސިލާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ވާދޫގެ ކައުންސިލާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމްލަގޮތެއްގައި ފުރިހަމަ ޙައްލެއް ލިބިގެންދިއުމަށް ބޭނުންވާކަމަށް ރައީސް ވިދާޅުވި.

ރ. އަތޮޅު ވާދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި އެގޮތުގައި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ މިއަދު ރ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވާދޫއަށް ވަޑައިގެން، އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ރ. ވާދޫ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ރަށުގެ މުސްތަޤުބަލަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ކުރިއަށްދާ ގޮތް ހިއްސާކުރައްވައި، އެ މަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި ރަށް ގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށާއި، ރަށުގެ ސިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތަކާއި، ރަށުގެ ޒުވާނުންނަށް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ވެސް ކައުންސިލުން ވަނީ ޙިއްޞާ ކޮށްފައެވެ. މީގެ އިތުރުން، ރަށަށް އަރައި ފޭބުމުގައި ހުރި ދަތިކަން ފާހަގަކުރައްވައި ބަނދަރުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ. އަދި ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމްލަގޮތެއްގައި ފުރިހަމަ ޙައްލެއް ލިބިގެންދިއުމަށް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އެ ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ވާދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%